ސެޕްޓެމްބަރ 21, 2024

ކިޔަވައިގެން ތިބި މޮޅު މީހުން ސަރުކާރުގެ ވަޒީފާތަކަށް ގެންނަން ބޮޑު މުސާރަ ދޭން ފަށަނީ

މަތީ ފެންވަރަށް ކިޔަވައިގެން ތިބި މޮޅު މީހުން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށްޓަކައި އެ މީހުންނަށް ސަރުކާރުން ބޮޑު މުސާރައެއް ދޭން ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހަޔާ އެޗީވާސް ސްކޮލަޝިޕް ހާސިލުކުރި ކުރި ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ގާބިލު ފަންނީ މީހުން ސަރުކާރުގައި މަދުވުމަކީ އެ މަސައްކަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެގޮތުން ރާއްޖެ އިން ބޭރަށް ކިޔަވަންދާ މީހުން ރާއްޖެ ނައިސް ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރަމުންދާއިރު، އެހެން އެކަން ވަނީ ރަނގަޅު އާމްދަނީއެއް ނުލިބޭތީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެކަން ބަދަލުކުރުމަށްޓަކައި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރުން ލިބޭ މުސާރައާ އަދި އެއަށްވުރެވެސް ރަނގަޅު މުސާރަ ދިނުމަށްޓަކާ ނިންމާފައިވާ ކަމަށެވެ. އެކަން ކުރައްވާނީ އުމްރާނީ ތަރައްގީއަށް ކުރާ ހަރަދުން ބައެއް ނަގައި، އިންސާނީ ތަރައްގީއަށްޓަކާ ހަރަދުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

”ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 200 މިިލިއަން ރުފިޔާ، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް އެކި ދާއިރާތަކުން ކިޔަވާފައި ތިއްބެވި މީހުންނަށް، ދިވެހިންނަށް ސަރުކާރުގެ ތެރެއިން މަތީ ވަރަށް ރަނގަޅު ފެންވަރުގެ މި ދެންނެވީ ވަރަށް ބޮޑު މުސާރައެއް ލިބޭ ގޮތަށް ކަންތައް ބައްޓަން ކުރާނަން“ ރައީސް ވިދާޅުވި އެވެ.