އާޒިމާއަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަގާމަށް އައްޔަންކޮށްފި އެވެ.

އާޒިމާ އެ މަގާމަށް އައްޔަން ކުރައްވާފައިވާކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ’ހަފްތާ‘ އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެއީ ކިހާ ފެންވަރެއްގެ މަގާމެއް ކަމެއް މުންދު ވިދާޅެއް ނުވެ އެވެ. ނަމަވެސް ރައީސް އޮފީހަށް މީގެ ކުރިން އައްޔަން ކުރައްވާފައިވާ ޕްރިންސިޕަލް ސެކްރެޓަރީތައް އައްޔަން ކޮށްފައިވަނީ މިނިސްޓަރު ފެންވަރުގައެވެ.

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ އާޒިމާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލެވެ. އެގޮތުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ދައުވާކުރެއްވި ބައެއް މައްސަލަތަކުގައި ވެސް އާޒިމާ ވަނީ ރައީސްގެ އާއިލާ ތަމްސީލު ކުރައްވައިފަ އެވެ.

އާޒިމާ ވަނީ މީގެ ކުރިން ޕީއެންސީގެ ޓިކެޓުގައި 2023 ގައި މާލޭ ސިޓީގެ މޭޔަރު ކަމަށްވެސް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބުން އޭނާއަށް ލިބުނީ ނާކާމިޔާބީ އެވެ.