އިންފޮމޭޝަން ކޮމިޝަނަރުގެ ކަމުގެ މަގާމަށް ލ. މާވަށް/ މާޒީ، އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް މި ފޮނުއްވީ އެ މަގާމުގައި މިހާރު ހުންނެވި، ހ. ގުރުވަ/ އަހުމަދު އާހިދު ރަޝީދުު، ކޮމިޝަނަރުކަމުގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހަށް ހަމަވާތީ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމަށް އަބްދުލްއަޒީޒް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީފުޅާއެކު އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައްވެސް މަޖިލީހަށް ފޮނުއްވި އެވެ.
ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އަބްދުލްއަޒީޒަކީ 2014 އިން 2019 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށްވެސް އައްޔަންކުރެއްވި އެވެ.


