އަދްލާން އަތުން އޮރިޔާން ކާޑު ފެނުނަސް އެއީ ކުޑަކުދިންގެ އޮރިޔާން ކާޑުކަން ސާބިތެއް ނުވި: ޕީޖީގެ އޮފީސް

ޕީޖީ އައްބާސް އާއި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ---

ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ޒުވާނާއާ ގުޅުން ހުރި ޑިވައިސްތަކުގައި އޮރިޔާންކާޑު ފެނުނު ނަމަވެސް އެއީ ކުޑަކުދިންގެ އޮރިޔާންކާޑުކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހޯދިފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި މިދިޔަ އެޕްރީލް މަހު ހައްޔަރުކުރީ ތ. ވިލުފުށި/ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) އެވެ. އޭނާގެ މައްޗަށް ޖިންސީ ކުށުގެ ދެ ދައުވާއެއް ޕީޖީ އޮފީހުން މިދިޔަ މެއި މަހު 19 ވަނަ ދުވަހު އުފުލި އެވެ.

އޭގެ ތެރޭގައި ހިމެނެނީ، އެނގިހުރެ ކޮމްޕިއުޓަރު ސިސްޓަމްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. ނަމަވެސް ފަހުން އެ ދެ ދައުވާވެސް ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އޭނާއަށް ކުރި ދައުވާތައް އަނބުރާ ގެންދިޔަ ސަބަބު ސާފުކުރަން މީޑިއާތަކުން ސުވާލުކުރުމުން ޕީޖީ އޮފީހުން މިއަދު ބުނީ، އަދްލާންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުންގެ ފަރާތުން އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅީ 5 މޭ 2026 ގައި ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ކަމަށް ނުފެންނާތީ، ދައުވާ ނުކުރުމަށް ނިންމައި މައްސަލަ އަނބުރާ ފޮނުވާލި ކަމަށް ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، އަދްލާންގެ މައްޗަށް ދެ ދައުވާއެއް އުފުލީ ފުލުހުންގެ ފަރާތުން ޕީޖީ އޮފީހުގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅުމުން، މައްސަލަ މުރާޖައާކުރުރުމަށް ހިނގާ މުއްދަތުގައި، މައްސަލައިގައި ދައުވާކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވެ، ފަހުން ދައުވާއެއް ކުރުމުގެ ފުރުސަތު އެއްކޮށް ބަންދުވާނެތީ އެކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

ނަމަވެސް ދައުވާތައް ކޯޓަށް ހުށަހެޅުމަށްފަހު ދައުވާތައް މުރާޖައާކޮށް، ހަތަރު ސަބަބަކަށްޓަކައި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި ކޯޓުން އަނބުރާ ގެނައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ޕީޖީ އޮފީހުން ބުނި ސަބަބުތަކަކީ:

  1. އަދްލާންގެ މައްޗަށް ކުރެވުނު މައިގަނޑު ތުހުމަތަކީ ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުންކަމުގައިވީ ނަމަވެސް އެފަދަ އެއްޗެއް އޭނާ ވިއްކައި، ވިޔަފާރިކުރިކަން ނުވަތަ އެހެން މީހަކަށް ފޮނުވިކަން ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން އެނގޭނެ އެއްވެސް ހެއްކެއް ނެތުން
  2. މައްސަލައިގައި ގިނަ ޑިޖިޓަލް ޑިވައިސްތަކެއް ފުލުހުން ގެންދިޔަ ނަމަވެސް އޭގެ ތެރެއިން ގިނަ ޑިވައިސްތަކަށް އަދްލާން ޒިންމާ ކުރެވޭ މިންވަރަށް ހެކި ނެތުން
  3. އަދްލާންއާ ގުޅުވައިލެވޭ ޑިވައިސްތަކުން އޮރިޔާންކާޑު ފެނުނު ނަމަވެސް، އެއީ ކުޑަކުދިންގެ އޮރިޔާން ކާޑުކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ނެތުން. ނަތީޖާއެއްގެ ގޮތުން ކޮމްޕިއުޓަރު ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާ ކުރިއަށްގެންދެވެން ނެތުން

ޕީޖީ އޮފީހުން ބުނީ، މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު އަދްލާންގެ މައްޗަށް ކުރިއަށް ގެންދެވެން އޮތް ހަމައެކަނި ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ކަމަށެވެ. ގާނޫނުގައި އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުން އަދި ކުށަށް ކަނޑައެޅޭނެ އެންމެ ކުޑަ އަދަބަކީ 9 ދުވަހަށް ޖަލަށްލުމެވެ.

އެހެންކަމުން އަދްލާން ތަހުގީގު މަރުހަލާގައި ބަންދުގައި 28 ދުވަސް ހޭދަކޮށްފައިވާތީ ދައުވާ ސާބިތުވާ ހާލަތުގައި ކުށަށް ކަނޑައެޅެން އޮތް އަދަބުން ތަހުގީގު ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޒުކުރާނެ އަދަބެއް ނޯންނާނެތީ، އެ ދައުވާ އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތް ކަމަށް ނުފެނުނީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.