ސެޕްޓެމްބަރ 21, 2024

ކޮރަޕްޝަންގެ ދައުވާތަކެއް ކޮށްފައިވާ މާނު ރާއްޖެ އަތުވެއްޖެ، ފުރުން މަނާކޮށް މައްސަލަ ބަލަން ފަށައިފި

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އެނބުރި ވަޑައިގަތުމާ އެކު ފުރުން މަނާކޮށް، ކަމާބެހޭ އިދާރާތަކުގައި އޮތް އޭނާގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ.

މާނު ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ ވެރިކަން ބަދަލުވުމާއެކު މާނު ވަނީ ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ފުރައިގެން ދިޔައިރުވެސް ބޮޑެތި ތުހުމަތު ތަކަކާއެކު މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައި އޮތެވެ. އަދި މާނު ރާއްޖެ އިން ފުރައިގެން ދިޔައީ އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އެ ކޮމިޝަނުން ކޯޓުގައި އެދިފައި އޮއްވަ އެވެ.

އެނގިފައިވާ ގޮތުގައި މާނު މިއަދު ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން ވަނީ މަނާކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަން އެ އިދާރާ އިން ބުންޏެވެ.

މާނު އެނބުރި ރާއްޖެ އައި އިރު، އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަތަކާ ގުޅިގެން މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އޭނާގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

މާނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގޭހުގެ އެމްޑީގެ މަގާމުގައި ހުރި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނެގި ކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ.

އަދި  އެ ފައިސާ އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން މާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެކެވެ.

އަދި އެ ދައުވާތަކާ މާނު ޝަރީއަތަށް ހާޒިރުވުމަށް އިންކާރުކުރާ ހާލަތުގައި، ހައްޔަރުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ނެރެދިނުމަށް ކުރިމިނަލް ކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެދިފަ އެވެ.

2 Comments

  • Ahmed Haneef އޯގަސްޓް 5, 2024

    އެއްކަމެއްވެސް ނުވާނެ މިގައުމެގެ ސަގާފަތް ސަރުކާރުގެ މަގާމުތަކުގަ ތިބޭ ގުންޑާތައް މި ދައުލަތުގެ މާލިއްޔަތު ލޫޓު ުން. އޭރުވެސް މިހާރުވެސް އަންނަންތިބީވެސް ހަމަ އެކައްޗެއް. ސިޔާސީ ގުންޑާ ތައް އަމިއްލަ ނަފުސާއި ސުވާލު ކޮއްލާ ތިމަންނާ ލޫޓުވައިގެން މިހިރީ ކިހާވަރެއް ބާއޭ ؟؟؟

  • Ha San އޯގަސްޓް 7, 2024

    ބޮޑުވަގެއް މިމީހުންގެ އަނބިދަރިންވެސް އެއީ ހަމަވަގުންނައް ވާނެބައެއް

Leave a Reply