ޖެއިޝަންކަރު ވަޑައިގަތުމުން ސަރުކާރުން އަހަންވީ އެމްޑީޕީއާ ގުޅިގެން ވިއްކާލު ކަނޑު ކޮބާތޯ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަތުމުން ސަރުކާރުން ކުރަންވީ ސުވާލަކީ އެމްޑީޕީގެ ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ވިއްކާލި ރާއްޖޭގެ ކަނޑުގެ ވާހަކަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުން ވަނީ ވެރިކަމަށް އައިސްފައިވަނީ ބޮޑެތި ދޮގުތަކެއް ހަދައިގެން ކަމަށެވެ. އޭގެ ތެރެއިން އެއް ދޮގަކީ އިންޑިއާއާއި ގުޅިގެން ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ބުނެ ފެތުރި ދޮގު ކަމަށް ޝާހިދު ވިދާޅުވި އެވެ.

”އަޅުގަނޑު އެދެން މިއަދުގެ ސަރުކާރުން އެންމެ ކަމަކަށް. އެއީ އެބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަންވެގެން ވާހަކަފުޅު ދައްކަވާ މަގުމަތީގައި އުޅުއްވި އިރު، ޕެނަލްތައް ބާއްވައިގެން ވާހަކަދެއްކި އިރުގައި ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލީއޭ. އިންޑިއާ ބައިވެރިވެގެންނޭ. ހާރިޖީ ވަޒީރު އެ ވަޑައިގަންނަވަނީ ހުކުރު ދުވަހު. ހާރިޖީ ވަޒީރު އަރިހުގައި އިތުރު ލާރިއަށް އެދޭއިރު، އަދި އައްސަވާލައްވަން ވާނެ ބައިވެރިވެގެން ވިއްކާލި ކަނޑު ކޮބައިހެއްޔޭ،“ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ސަބަބުން ޒަމާނުއްސުރެ ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގާތްގުޅުމަށް ހީނަރު ކަމެއް އައިސްފައިވާ ކަމަށެވެ. އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

”ހަނދުމަފުޅު ކުރައްވާތި ރާއްޖޭގެ ރައްޔިތުންނަށް މި ސަރުކާރުގެ ގޮތެއް ނެތްކަމުން ލިބެމުންދާ ގެއްލުންތައް. އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 43 ޕަސަންޓު ދަށަށް ގޮސްފައި މިވަނީ. އޭގެ ސަބަބުން ރިސޯޓުތައް ފަޅުވެ ރިސޯޓުތަކުގެ އޮކިއުޕެންސީ މިދިޔަ ދުވަސްތަކުގައި މިވަނީ އިންތިހާއަށް ދަށަށް ގޮސްފައި،“ ޝާހިދު ވިދާޅުވި އެވެ.

މިސަރުކާރަށް ނުވަ މަސް ވީއިރު، ގިނަ ގައުމުތަކަކަށް ދަތުރުކޮށްގެން ވެސް ”ބޮޑު ލާރިއެއް“ ދިއްކޮށްލާނެ ގައުމަކަށް ވީ އިންޑިއާ އެކަނި ކަމަށާއި އެހެންކަމުން ރާއްޖެއިން، ޖެއިޝަންކަރަށް ހޫނު މަރުހަބާއެއް ދަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ