ސެޕްޓެމްބަރ 21, 2024

”ކަމަނާ“ އަށް އޮތް ތަރުހީބު ބޮޑުވެ، ދަންވަރުގައި ޝޯތަކެއް ދައްކަން ނިންމައިފި

ދިވެހި ފިލްމް ”ކަމަނާ“ ފިލްމްގެ ޓިކެޓްގެ ޑިމާންޑުވެ ކޮންމެ ހަފުތާ ބަންދެއްގައި އިތުރު ޝޯތަކެއް ދައްކަން ނިންމައިފި އެވެ.

ސެޓާން ސްޓޫޑިއޯއާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފެއްދި އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ.

ސެޓާން ސްޓޫޑިއޯގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، 27 އޯގަސްޓް އިން 14 ސެޕްޓެމްބަރަށް ފިލްމް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް ހަ ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްފައިވާ ކަމަށެވެ. އަދި އޮލިމްޕަސް ސިނަމާ އިތުރު މުއްދަތަކަށް ލިބެން ނެތުމުން ޑިމާންޑަށް ބަލައި ކޮންމެ ހަފުތާ ބަންދެއްގައި އިތުރު ޝޯތަކެއް ދެއްކުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

ސެޓާ ސްޓޫޑިއޯ އިން ބުނީ، 27 އޯގަސްޓް އިން ފެށިގެން 14 ސެޕްޓެމްބަރާ ހަމައަށް ކޮންމެ ހަފުތާއެއްގެވެސް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 20:30 ގެ ޝޯގެ އިތުރުން 23:30ގެ ޝޯގެ ޓިކެޓް މާދަމާ އިން ފެށިގެން ވިއްކަން ފަށާނެ ކަމަށެވެ.

އަދި 7458800 އަށް ވައިބާ ކޮށްގެން ޓިކެޓް ގަނެވޭނެ ކަމަށްވެސް ބުންޏެވެ.

”އަޅުގަނޑުމެންނަށް އޮލިމްޕަސް ލިބިފައި އިނީ އެންމެ 19 ދުވަހަށް. ފިލްމަށް ޑިމާންޑް އޮތްވަރުން 19 ދުވަހުން ފިލްމް ބަލަން ބޭނުންވާ އެންމެނަށް ފިލްމު ބެލުމުގެ ފުރުސަތު ނުލިބިދާނެތީ ހަފުތާ ބަންދުގައި އިތުރު ޝޯތަކެއް ދައްކަން ނިންމީ“ ސެޓާން ސްޓޫޑިއޯ އިން ބުންޏެވެ.

ފިލްމު ’ކަމަނާ‘ އަކީ ރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާއި ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރު އެވެ.

ކަމަނާގެ ލީޑް ރޯލުން ފެންނާނީ މަރިޔަމް އައްޒަ އެވެ. އައްޒަގެ އިތުރުން ފިލްމުގެ ލީޑުން ދެން ފެންނާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އިތުރު ރޯލުތަކުން ފެންނާނެ ތަރިންގެ ތެރޭގައި އައިމިނަތު ރަޝްފާ (އާޝާ)އާއި މުހައްމަދު މަނިކު، ނަތާޝާ ޖަލީލް އަދި މުހައްމަދު ރަޝީދު (ދަރާ) ހިމެނެ އެވެ.