ސެޕްޓެމްބަރ 22, 2024

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމެއް ގާއިމުކުރަން ދިރާސާއެއް ކުރަނީ

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ ދިރާސާއެއް ފެށުމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ފްލޯޝަން އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ފްލޯޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަލެގްޒަންޑާ ފުލެސަން އެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި މެނޭޖުމަންޓް ޓީމުން ބައިވެރިވެވި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ފްލޯޝަން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދިރާސާގައި ކަނޑު އަޑީގައި އާރުއޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދުމާއި އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން، އެގޮތަށް ފެންއުފެއްދުމާއި ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދިރާސާގައި އެމްޑަބްލިޔުއެސްސީގެ މައިގަނޑު ދައުރަކަށްވާނީ މިހާރު ލިބެންހުރި މިކަމާ ގުޅޭ މައުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ބުންޏެވެ..

އެމްޑަބްލިޔުއެސްސީން ބުނީ، އެ ދިރާސާގެ އަލީގައި އެފަދަ ނިޒާމެއް ގާއިމުކުރެވެއްޖެނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކައުކުރެވޭނެ ނިޒާމުގެ ގާބިލުކަން އިތުރުކުރެވޭނެ އާ އިޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަަމަށެވެ.

އަދި އޭގެ ސަބަބުން، ސާފު ރައްކައުތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމު ގާއިމުކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ހަރަދު ކުޑަކުރެވިގެންދާނެ ކަމަށްވެސް ބުންޏެވެ.

އެމްޑަބްލިޔުއެސްސީން އިތުރަށް ބުނީ، މި ދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި ގައުމީ ފެންވަރުގައި ރައްކައުތެރި ބޯފެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖުތިމާއީ އަދި އިގުތިސާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިވެ، ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލުކުރުމަށްވެސް މި ނިޒާމް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބުންޏެވެ.