އެއް ގައުމަކުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އޮތް 100،000 މީހުންގެ ކޯޓާ އުވާލުމަށާއި ބިދޭސީން ރާއްޖެ ގެނައުމަށް ފަހު، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ވަޒީފާ ދޭ ފަރާތް ޖޫރިމަނާކުރެވޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް މުއިއްޒު، އެ އިސްލާހު ތަސްދީގު ކުރެއްވުމާ ގުޅިގެން އެ އިސްލާހު މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ. އަދި މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ މިދިޔަ އޮގަސްޓް މަހުގެ 19 ގަ އެވެ. އެ ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ. މިއީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހެކެވެ.
އެ އިސްލާހުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ކުންފުންޏެއްގެ ކަމާގުޅޭ ކޮންމެ މުވައްޒަފަކު 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ވަޒީފާއާބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހުގައި އިތުރަށް ހިމަނާފައިވަނީ އެ ގާނޫނުގައި އޮތް ބިދޭސީން ރާއްޖެ އެތެރެ ކުރެވޭ ކޯޓާ އުވާލުމަށެވެ. މީގެ ކުރިން އެ ގާނޫނުގައި އޮންނަނީ ކޮންމެ ގައުމަކުން ވެސް ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެއަށް އެންމެ ގިނަވެގެން އެތެރެކުރެވޭނީ 100،000 މީހުން ކަމަށެވެ. ނަމަވެސް އިސްލާހު ހުށަހަޅާފައި ވަނީ، އެ އަދަދު ގާނޫނުގައި ކަނޑައެޅުމުގެ ބަދަލުގައި ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ކަނޑައެޅުމަށެވެ.
އެއް ގައުމަކުން ތިބި އަދަދު، 100،00 އަށް ވުރެ ގިނަވާ ނަމަ އެ އަދަދަށް ބިދޭސީން މަދު ކުރަން ޖެހޭނެ ކަމަށް އަލަށް ގެނައި އިސްލާހުގައިވެ އެވެ.
އަދި އަހަރެއްގެ ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގަ އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތާއި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައް ވެސް ކަނޑައެޅޭނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކުރުމަށްފަހު ތަފްސީލު ބަޔާންކޮށްފައިވެ އެވެ.
– ބިދޭސީއަކު މަސައްކަތްކުރާނެ ވޯކްސައިޓް ރަޖިސްޓަރީކުރުން
– ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުން
– ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުން
– ވޯކް ޕާމިޓް ހެއްދުން




1 Comment
ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު