ތިނަދޫ ސިޓީގެ ކައުންސިލުން ފިތުނަވެރި ކަންކަން ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެދިވަޑައިގެންފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ތިނަދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމުގެ ސަބަބުން ލާމަރުކަޒީ ގާނޫނުން ނިޒާމުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ކެނޑިގެންދާނެ ކަމަށެވެ. ކައުންސިލްތަކުގެ ބާރު ކަނޑުވައި، ކައުންސިލްތަކުގެ ބާރު ހަނިކޮށް އަދި ކައުންސިލްތަކުން ދެމުންގެންދާ ހިދުމަތްތައް މަރުކަޒީ ކުރުން ބަލައިނުގަންނާނެ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.
އެ ދެ ބިލް ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމިޓީއާއި، ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައިވީ ނަމަވެސް ކޮމިޓީ މަރުހަލާ ނުނިންމައި މިދިޔަ އޮގަސްޓު 22 ގައި އެ ދެ ބިލު ތަޅުމަށް ފޮނުވާފައިވާ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.
ތިނަދޫ ކައުންސިލްގެ އެ ބަޔާނާ ގުޅިގެން ސައުދުﷲ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ އަދި ޒިންމާދާރުވާން ޖެހޭ މުއައްސަސާއަކުން އެފަދަ ހަގީގަތާ ހިލާފު ބަޔާނެއް ނެރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
”މިކަހަލަ ހަގީގަތާ ހިލާފު އަދި ފިތުނަވެރި ކަންކަން ނުކުރެއްވުމަށް ތިނަދޫ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އާދޭހާއެކު ދަންނަވަން. އަދި ޒިންމާދާރު ކަމާއެކު ރައްޔިތުން ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ވެސް ދަންނަވަން“ ސައުދުﷲ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 13 ވަނަ އިސްލާހުގެ ބިލުގެ ބޭނުމަކީ ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި ހުށަހަޅާ ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހުތައް ގެނައުމެވެ.
އެ ބިލުގެ މަގުސަދަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެކުލަވައިލަންޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ، އެ ފަދައިން އެ ބަދަލުތައް ގާނޫނަށް ގެނައުމެވެ.
އެ ބިލުގައި، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭނާއި ކައުންސިލުން ހަދައި ކަމާ ގުޅުން ހުރި ގައުމީ އިދާރާ އިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތް އޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތަށް ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
ގުޅުންހުރި
ހޯކްސްގެ ބޯޓަކުން ވަގަށް ސިނގިރޭޓް އެތެރެކުރުން: އިހުސާން އާއި އަމީން ކޮމިޓީއަށް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން: