އުތުރުގައި ބަންކަރިން ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބަންކަރިން ހިދުމަތް އެންމެ ފުރަތަމަ ފަށާނެ ކަމަށް ސަރުކާރުން ބުނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއަށްފަހު ޖުލައި މަހަށް ފަސްކުރުމަށްފަހު ދެން ދިން ތާރީހަކީ އޮގަސްޓު 22 އަށެވެ. އެ ތާރީހަށްވެސް އެ މަސައްކަތް ނުފެށުމުން އެންމެ ފަހުން ސަރުކާރުން ދިން ތާރީހަކީ އިއްޔެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ބޯޓަށް ތެޔޮ އަޅާ ދުވަހު އެ ހިދުމަތް އިފުތިތާހު ކުރަން ވެގެން ކަމަށް ބުނެ އެ ހިދުމަތް މިހާރު ފަށަން ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ވަޖީހު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންކުރާ ދެ ބޯޓާއި ޓަޖު ބޯޓު އަދި ޕައިލެޓް ބޯޓު އިހަވަންދިއްޕޮޅަށް ގެންގޮސް ނިމިފައިވާ ކަމަށެވެ. އަދި އެފަދަ އިންޓަނޭޝަނަލް ހިދުމަތެއް ދިނުމުގައި ހުންނަންޖެހޭ ޝަރުތު، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓުވެސް ގާއިމުކޮށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
”ޝުކުރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު. މަނިކުފާނުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅު ތިޔަ ފަށްޓަވައި ދެއްވަވަނީ، މި ގައުމުގެ އިގުތިސާދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސް ދޭނެ ހިދުމަތެކެވެ. މިއީ މި ގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތް ކަމެކެވެ. މަނިކުފާނުގެ ދުރު ވިސްނުން ފުޅަށާއި ހިކުމަތްތެރި ކަމަށް އަޅުގަޑުމެން ޝުކުރު ދަންނަވަނެވެ.،“ ވަޖީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަންކަރިން ހިދުމަތާއެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތްތަކެއް އިހަވަންދިއްޕޮޅުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
”މި ޕޮރޮޖެކުޓުގެ ދެވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި އޮއިލް ޓޭންކުތައް މި ސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެއެވެ.“ ވަޖީހު ވިދާޅުވިއެވެ.

ގުޅުންހުރި
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
މާލޭގައި އެމްޕީއެލްގެ ދެ މުވައްޒަފެއްގެ ދެމެދު މާރާމާރީއެއް، އެކެއްގެ ބޯ ފަޅާލައިފި
މޯލްޑިވްސް ގޭހަށް 26 އަހަރު ފުރުން ފާހަގަކުރުމަށް މުވައްޒަފުންނާއެކު ހާއްސަ ހަފުލާއެއް
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ކާބޯތަކެތި މި މަހު 15ގެ ފަހުން
އެމްއޭސީއެލް މުވައްޒަފުންނަށް މި އަހަރުވެސް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ