ނޮވެމްބަރ 23, 2024

ޕީއެސްއެމްގެ ހިޔާނާތް: އޭސީސީން މައްސަލަ ތަހުގީގު ފަށައިފި

ޕީއެސްއެމްގެ މާލިއްޔަތުން ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

އޭސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީއެސްއެމްއިން ޑޮލަރު ގަތުމަށް ނެގި ފައިސާއާއި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަނަނީ ޖުލައިމަހުން ފެށިގެން ކަމަށެވެ.

އެ މައްސަލައިގެ ޕްރިލިމިނަރީ ތަހުގީގު ނިންމައި، އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަން ހުރުމުން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ. އަދި އެ މައްސަލައާ ގުޅުންހުރި ޕީއެސްއެމްގެ ހާއްސަ އޮޑިޓް ކުރިއަށްދިޔައިރު، އޮޑިޓް އޮފީހުން އެ ކޮމިޝަނާ މަޝްވަރާކޮށް މައްސަލައިގެ ހެއްކާއޮގަރީނާއާ އަސަރު ނުކުރާނެ ގޮތަކަށް އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ޕީއެސްއެމްގެ އެ ހިޔާނާތުގެ މައްސަލަ އޭސީސީން ވަނީ މިމަހުގެ ތެރޭގައި ފުލުހަށް ވެސް ފޮނުވައިފަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ކަންކަން ކުރާނީ އޭސީސީން ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ. އެކަން ފުލުހުން ހާމަކުރީ މިއަދެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޕީއެސްއެމްގެ މާލިއްޔަތުން ވަނީ 9,034,083 ރުފިޔާ ގެއްލިފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން

  • ޕީއެސްއެމްއަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4.58 މިލިއަން ރުފިޔާއާ
  • 2017 ވަނަ އަހަރުން ފެށިގެން 2024ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ
  • އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4.26 މިލިއަން ރުފިޔާ
  • ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190,087 ރުފިޔާ

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޑޮލަރު ގަތުމަށް 2020ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އެކި ފަހަރު މަތިން ޖުމުލަ 373,988 ޑޮލަރަށްވާ 5,785,346 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގައިފައިވާއިރު އެ ފައިސާގެ ތެރެއިން 4,583,701 ރުފިޔާ އަށްވާ 297,257 ޑޮލަރު ޕީއެސްއެމަށް ލިބިފައިނުވެ އެވެ.

ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށްކަން އެ ކުންފުނީގެ ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވުނުކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.