ފަލަސްތީންގެ ރައްޔިތުންނަކީ އެއްވެސް ބައެއް ނޫން ކަމަށާއި އެ މީހުންގެ ހައްގެއް ނޯންނާނެ ކަމަށް ޔަހޫދީންގެ އިސް ރާބީ ޑޭވިޑް ޔޫސުފް ބުނެފި އެވެ.
ހުޅަނގު ގުދުސްގެ ގުޝް ކަޓީފް ދާރުލްއާސާރުގައި ވާހަކަދައްކަމުން ޑޭވިޑް ވަނީ ފަލަސްތީނަކީ ވަކި ގައުމެއް ނުވަތަ ވަކި ބައެއް ކަމަށް ގަބޫލުކުރަން ދެކޮޅު ހަދައި, ޣައްޒާއާއި އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގެ ރަށްތަކަކީ ޔަހޫދީންގެ ތަންތަން ކަމަށް ދައުވާކޮށްފަ އެވެ.
”އެ މީހުންނަކީ (ފަލަސްތީނަކީ) ވަކި ގައުމިއްޔަތެއް ނޫން. ދުވަހަކުވެސް އެ މީހުންނަކީ ވަކި ބައެއްގެ ގޮތުގައި ތިބި ބައެއް ނޫން. އެ މީހުންނަކީ ވަކި ބައެއް ނޫން. އަދި މިތަނުގައި އެ މީހުންގެ އެއްވެސް ހައްގެއް ނޯންނާނެ. ހައްގުތައް އޮތީ އަހަރެމެންނަށް. ޣައްޒާއަކީ އިޒްރޭލުގެ ބިމެއް. ޣައްޒާއަކީ އަހަރެމެންގެ ތަނެއް. ނާބްލުސްއަކީ އަހަރެމެންގެ ތަނެއް. ޖެނީންއަކީ އަހަރެމެންގެ ތަނެއް. އެ ހުރިހާ ތަނަކީ އަހަރެމެންގެ ތަންތަން,“ ޑޭވިޑް ބުންޏެވެ.
އޭނާ ވަނީ ޣައްޒާ ހަލާކުކޮށްލައި އެތަނުގައި ޔަހޫދީން ވަޒަންވެރިވުމަށް ގޮވާލައިފަ އެވެ. އަދި އެކަމަށް ދުއާކުރުމަށްވެސް ގޮވާލި އެވެ.


