އޮކްޓޯބަރ 4, 2024

އިޒްރޭލްއާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ތަދައްހުލްވުމަށް ރާއްޖެއިން ހުށަހަޅައިފި

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީ.ޖޭ) ގައި ކުރިއަށްދާ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ސައުތު އެފްރިކާ ވ. އިސްރާއީލު)“ މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ ”ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން“، މި މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަހުމަދު އުޝާމްގެ ފަރާތުން މިއަދު އައިސީޖޭ އަށް ހުށަހަޅައިފައިވާ ކަމަށް ބަންޑާރަނައިބު އޮފީހުން ބުނެފިއެވެ.

މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއްކަމަށެވެ.

ބަންޑާރަނައިބު އޮފީހުން މިރޭ ބުނީ ރާއްޖެއިން މިއަދު ހުށަހެޅި އިންޓަވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ”އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް“ އަދި ”ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް“ މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން ކަމަށެވެ.

އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ އަމަލުތަކެއްކަމާއި، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއްކަ މަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަގްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުން ކަމަށް ބަންޑާރަނައިބު އޮފީހުން ބުންޏެވެ.

އެގޮތުން، އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަޤްވާމީ ނިޒާމަށް މަލާމާތެއްކަމާއި، އ.ދ. ގެ ގަރާރުތަކާއި، ބައިނަލްއަގްވާމީ ގާނޫނާ ހިލާފު މި ނިރުބަވެރިކަމުގެ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ވިދާޅުވެފައި ކަމަށް ބަންޑާރަނައިބު އޮފީހުން ބުންޏެވެ.

ބަންޑާރަނައިބު އޮފީހުން ބުނީ، އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ ނަސްލުތައްލާމުގެ އަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށެވެ. އަދި ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުންކަމަށްވާއިރު، މި ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ބަންޑާރަނައިބު އޮފީހުން ބުންޏެވެ.