އޮކްޓޯބަރ 6, 2024

ވަޒީފާއަށް ފިލައިގެން އުޅުނު ކަމަށް ބުނެ ފުލުހަކު ވަކިކުރީ ގަވާއިދާހިލާފަށް: ހައި ކޯޓު

ފުލުހަކު ވަޒީފާއަށް ފިލައިގެން އުޅުނު ކަމަށް ބުނެ އެ އު ފުލުސް މީހާ ވަޒީފާއިން ކޮށްފައިވަނީ ގަވާއިދާހިލާފަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ ތ. ތިމަރަފުށި، ސައްކަޔެގަސްދޮށުގެ، ހުސައިން އަލީ މަނިކެވެ. އޭނާ އައިޕީއެސް ޓްރެއިން ނިންމާލައި މާލެ އައުމުން ވަނީ އަތޮޅުތެރެެއަށް ޑިއުޓީ ދިޔުމަށް އަންގައިފައެވެ. ނަމަވެސް އާއިލާ މީހުން ބަލިވެ އުޅޭތީ އޭނާ ވަނީ އެއްމަހަށް ނޫނީ ދެމަހަށް މާލޭގައި މަޑުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި ޗުއްޓީއަށް އެދިފައެވެ.

ހައި ކޯޓުގެ ދައުވާގައިވާ ގޮތުން އޭނާ ޗުއްޓީއަށް އެދުމުން އެކަން ހަމަޖެހޭނެކަން ވަނީ އަންގައިފަ އެވެ. އަދި ޗުއްޓީ ނިންމުމަށްފަހު 2016 ސެޕްޓެމްބަރު 19 ގައި އޭނާ ވަޒީފާއަށް ނުކުތް ކަމަށާއި އޭގެފަހުން ޗުއްޓީގައިހުރި ދުވަސްތައް އެއީ ހާޒިރުނުވާ ދުވަސްތަކެއް ކަމަށް ބަލައި 2017 ޖުލައި 8 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ. އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއަށް ފިލައިގެން އުޅޭ ކަމަށް ބުނެ ކަމަށް ދައުވާގައިވެ އެވެ.

ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ހުސައިން ސިވިލް ކޯޓަށް ހުށަހެޅުން ސިވިލް ކޯޓުން ނިންމީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. އެހެންވެ ހުސައިން ވަނީ ސިވިލް ކޯޓުގެ ހުކުމް، ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައި ކޯޓުގައި ހުސައިން ބުނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަކީލަކާއެކު ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ވަކީލުގެ އައިރުހާޒިރުގައި ކަމަށެވެ. އަދި ބުނީ ބެކް ޑޭޓުކޮށް ޗުއްޓީއަށް އެދުމަކީ ފުލުހުންގެ ތެރޭގައި ކުރާ ކަމެއް ކަމަށާއި އެކަން ކުރާ ގޮތަކީ ސިސްޓަމުން ރިކުއެސްޓް ލޮޖު ކުރުމުގެ ބަދަލުގައި ފޯމު ހުށަހަޅައިގެންކަން އެނގެން އޮންނަ ކަމަށެވެ. އޭނާ ބުނި ގޮތުގައި ބެކް ޑޭޓުކޮށް އެދޭ ޗުއްޓީ އެޕްރޫވު ވެއްޖެނަމަ ހާޒިރުނުވާ ދުވަސްތައް ހުއްދަ ނެތި ޑިއުޓީއަށް ނުނިކުންނަ ދުވަސްތަކުގެ ގޮތުގައި ނުބަލާކަން އެނގޭކަމަށެވެ. ބެކް ޑޭޓްކޮށް ޗުއްޓީއަށް އެދުމުން އަޕްޑޭޓެޑް މެޑިކަލް ޑޮކިއުމަންޓްސްތައް ފޮނުވަން އެދުމުން އެ ޑޮކިއުމަންޓްސްތައް ވެސް ފޮނުވާފައިވާނެ ކަމަށެވެ. 2016 ސެޕްޓެމްބަރު 03 ބަމަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުމެފައިނުވަނީ ހުއްދަ ނެތި ވަޒީފާއާއި ފިލުމަށް ކަމަށް ކަނޑައަޅާފައި ރަނގަޅަށްކަމުގައި ނުދެކޭ ކަމަށާއި ފުލުހުންގެ ޑިސިޕިލިނަރީ ބޯޑުން ގިނަ ކަންކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

އެ މައްސަލައިގެ ހައިކޯޓުން ހުކުމްކުރީ މިދިޔަ ބުރާސްފަތީގަ އެވެ. އެ ހުކުމުގެ ރައުޔުގައި ފަނޑިޔާރު މުހައްމަދު ފައިސަލް، ވިދާޅުވީ ފުލުހުންނަށް ލިބިދޭ ޗުއްޓީތަކުގެ ތެރޭގައި އަހަރީ ޗުއްޓީއާއި އެމެޖެންސީ ޗުއްޓީ ހިމެނޭ ކަމަށެވެ.

މައްސަލައިގެ ހެކީގެ ގޮތުގައި އުލަތުގެ ފަރާތުން ހުށަހެޅި ހާޒި ރިޕޯޓުތަކަށް ބަލާއިރު، ހުސައިން 2016 ޖުލައި މަހުން ފެށިގެން 2 ސެޕްޓެންބަރަށް ހުރީ އަހަރީ ޗުއްޓީގައިކަން އެނގޭ ކަމަށާއި 03 ސެޕްޓެންބަރުން ފެށިގެން ވަޒީފާއަށް ހާޒިރުނުވާކަން އެ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި 19 ސެޕްޓެންބަރު 2016 އިން ފެށިގެން 25 ސެޕްޓެންބަރު 2016 އަށް މުސާރަ ނުލިބޭ ޗުއްޓީގައި ހުރި ކަމަށް ފާހަގަކޮށްފައިވާ ކަމަށާއި ހުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ 20 ޖުލައި 2017 ވަނަ ދުވަހުގައިން ވެސް ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

”އެހެންކަމުން ހުސައިން އަލީމަނިކުގެ ފަރާތުން ޗުއްޓީއަށް އެދި އެ ޗުއްޓީ ހަމަނުޖެހުމުގެ ސަބަބުން އެފަރާތް ޑިއުޓީއަށް ހާޒިރުނުވާ ދުވަސްތައް ކަމަށް ހާޒިރީ ރިޕޯޓުން ފެންނަން ހުރި ދުވަސްތަކަކީ ޑިއުޓީއަށް ފިލައިގެން އުޅުމުގެ ނިޔަތުގައި އެފަރާތް ހާޒިރުނުވެ ހުރި ދުވަސްތަކުގައި މި މައްސަލައިގައި ބެލެވޭކަށްނެތެވެ. ސަބަބަކީ އެފަރާތުގެ އަހަރީ ޗުއްޓީ ނިމުމާއެކު އެމަޖެންސީ ޗުއްޓީއަށް އެދި ހުށަހެޅުމާއ،ި ފުރަތަމަ ފަހަރަށް ޗުއްޓީ ރިޖެކްޓްވުމުގެ ސަބަބުން ހުރިހާ ލިޔެކިޔުންތަކާއެކު އަލުން ދެވަނަ ފަހަރަށް ވެސް ޗުއްޓީއަށް އެދި ހުށަހެޅިކަމުން، އެފަރާތުގެ ނިޔަތަކީ ފިލައިގެން އުޅުން ނޫންކަން ވަރަށް ސާފެވެ،،،،،“ ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ ފުލުހުންގެ ތެރޭގައި އަމަލުކުރަމުންދާ ”ޑިސިޕިލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަބަދުދިނުމާ ބެހޭ ގަވާއިދު“ ގައި ބަޔާންކޮށްފައިވަނީ އިސްތިއުނާފް ބޯޑަށް ވަކީލަކާއެކު ޖަވާބުދާރީވުމުގެ ފުރުސަތު ތުހުމަތުވާ ފަރާތަށް އޮންނާނެ ކަމަށެވެ. ނަމަވެސް ހުސައިން، ޖަވާބުދާރީވުމަށް ދާން ޖެހޭ ދުވަހު ވަކީލުގެ އެހެން ޝަރީއަތަކަށް ކޯޓަށް ދާން ޖެހޭތީ، ޖަވާބުދާރީވުމަށް ދާންޖެހޭ ދުވަސް ފަސްކޮށް ދިނުމަށް އެދި ހުށަހެޅީ ނަމަވެސް އޭނާގެ އެ ހުށަހެޅުމާ ގުޅޭގޮތުން ޖަވާބުނުދީ، ވަކީލަކާނުލައި ހުސައިންގެ މައްސަލަ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރަން ފެންނަ ކަމަށް ފަނޑިޔާރު ފައިސަލް ރައުޔުގައި ވިދާޅުވި އެވެ. އެ ރައުޔަށް ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަނީ ތާއީދުކުރައްވައިފައެވެ.

އެހެންވެ ފަނޑިޔާރު ފައިސަލް އެ މައްސަލައިގައި ކުރެއްވި ހުކުމުގައި ވިދާޅުވީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރާ ކަމަށެވެ. އަދި ފުލުހުންގެ ޑިސިޕިލިނަރީ ބޯޑުގެ ނިންމުން ވެސް ބާތިލުކޮށް

ހުސައިންއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި ވަޒީފާގައި ދެމިހުރިނަމަ ލިބެންޖެހޭ މަގާމުގެ ކުރިއެރުންތަކާއި ވަޒީފާ އަނބުރާ ރުޖޫއަކޮށް، ހުސައިން އަލީމަނިކު ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކުން އެއް އަހަރުގެ ދުވަހަށްވާ ފައިސާ އޭނާއަށް ލިބިދިނުމަށްޓަކައި، އެ ފައިސާ ސިވިލް ކޯޓަށް ޖަމާކުރުމަށް އެންގުމާއެކު ސަރުކާރު ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި އެކަންއެކަން ހަމަޖެއްސިގޮތް ސިވިލް ކޯޓަށް އެންގުމަށް ފުލުހުންގެ މައްޗަށް ހުކުމްކުރާ ކަމަށެވެ.