ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދިރާސާކުރުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.
ރައީސް އެ ދައުވަތު ދެއްވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ބެންގަލޫރުގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަގުރީރު ކުރައްވަމުންނެވެ.
ރައީސް އޮފީހުން ބުނީ، އެ ފޯރަމުގައި ރާއްޖޭގެ މުސްތަގުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތް ކުރުން މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވާހަކަފުޅު ދެއްކެވި ކަމަށެވެ.
އަދި މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓަޖީ އިފުތިތާހުކޮށްގެން، ޑިޖިޓަލް އިގުތިސާދު ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވާ އާލާކުރުން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ޓެކް ކުންފުނިތަކާއި ތައުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ އައިސީޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއްކަން ރައީސް ފާހަގަކުރެއްވި ކަމަށެވެ. އަދި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލު ކަމަށް ރައީސް ސިފަކުރެއްވި ކަމަށެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަމާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ ގެންގުޅޭ ސާބިތުކަމާއި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައްވެސް ފާހަގަކުރެއްވި ކަމަށް ބުންޏެވެ.

ގުޅުންހުރި
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ
ހަންޏާމީދުއަށް އުތުރު އަތަފަރު, ފަތުރުވެރިން ޕިކްނިކް ދާން އަލިކޮއި
ރައީސް އޮމަދުއަށް ވަޑައިގަތުމުގެ ކުރީން އެ ރަށުގެ ބައެއްގެ ގޮތުގައި ތިން
ރައީސް، އދ. އަތޮޅުގެ 10 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓުގައި ބޭނުންވާ ވަކި ނަތީޖާއެއް
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މި މަހު 24ގައި