އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ޒިނޭކުރުމާއި ފާހިޝް އަމަލުތަކުގެ ނުބައިކަން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ﷲ تعالى މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަހުލާގީ އަމަލުތަކާއި ފާހިޝް އަމަލުތައް ހަރާމް ކުރައްވައިފައިވާ ކަމަށެވެ. ފާހިޝް އަމަލުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަމަލަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ޒިނޭ ކަމަށެވެ.
އެގޮތުން ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. ”ބަޔެއްގެ ތެރޭގައި ރިބާއާއި ޒިނޭ ފާޅުވެއްޖެ ނަމަ، އެ ބަޔަކު އަމިއްލައަށް އެ ބަޔެއްގެ މައްޗަށް އަރަހުށި ﷲގެ އަޒާބު ވެރިކުރުވައިފިއެވެ.“
ހުތުބާގައި ބުނީ، މި ޒަމާނުގައި މި އަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށާއި ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަގުސަދުގައި ދަތުރު ހަދައިގެން އެހެން ގައުމުތަކަށް ވެސް ގޮސް އުޅޭ ކަމަށެވެ. ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވެ އާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވުމުގެ އިތުރުން ދަރި ވައްޓައިލުން ފަދަ ދީނުގައި ހަރާމް އެތައް ފާފަތަކަކަށް އަރައިގަންނަ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ޒިނޭކުރުމަކީ ނުބައިވެގެންވާ އަމަލަކަށްވީ ހިނދު، އެކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ އާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭ ކަމަށެވެ. އަދި މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިސްލާހުވުމަށް ކަމަށާއި އިސްލާހުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ޒިނޭއާއި ފާހިޝު އަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކަކީ އިލްމުވެރީން ސިފަކުރައްވާ ގޮތުގައި ބިމުގެ އަހުލުވެރިންގެ ބަދުއަހުލާގީ އަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެއް ކަމަށެވެ. އަދި ޖިންސީ ފާހިޝު އަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކައުތެރިވެވޭނީ އިސްލާމީ އުސޫލުތަކަށް ތަބައަވެ، ކައިވެނީން ބޭރުގައި ޖިންސީ އަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެން ކަމަށް ބުންޏެވެ.
ހުތުބާގައި ވަނީ ޒިނޭއާއި ފާހިޝު އަމަލުތަކުން ދުރުވެގަތުމަށް ޓަކައި ނަމާދު ގާއިމުކުރުމަށާއި ކުޅަދާނަކަން ލިބިގެންވާ މީހާ ކާވެނިކުރުމަށް ގޮވާލައިފަ އެވެ. އަދި ކައިވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަށާއި ފާހިޝު ޢަމަލަކަށް އަރައިގަނެވިފައިވާ މީހާ ވަގުތު ފާއިތު ވުމުގެ ކުރީން ތައުބާވުމަށްވެސް ގޮވާލެއްވި އެވެ.




ގުޅުންހުރި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ބިރުވެރިކަމުގައި އާހިރަތް ދުވަހު އުޅޭނީ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެގެން، ތައްޔާރުވޭ!: