ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުއަސާސީ އިސްލާހުކުރުމުގެ އިސްލާހުތައް ފާސްކުރުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރުމަށް ހުށަހެޅި ހުށަހެޅުން ބޭރުކޮށްލައި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކޮށްފި އެވެ.
މަޖިލީހުން މިއަދުގެ ޖަލްސާގައި ވަނީ ގާނޫނުއަސާސީ ގެންނަ އިސްލާހުތަކުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ. އިބްތިދާއީ ބަހުސަށްފަހު މުޅި މަޖިލީހުގެ ކޮމިޓީ މިއަދު މެންދުރު 12:30 ގައި ފަށައި ބިލަށް ކޮމިޓީ މަރުހަލާގައި އިސްލާހު ގެނައުމަށް ފުރަސަތު ވަނީ ހުޅުވާލައިފަ އެވެ.
އެ ކޮމިޓީން ވަނީ ދެ ގަޑިއިރު ތެރެއިގައި ބިލު ފާސްކޮށްފަ އެވެ. ފާސްކުރީ މެންބަރުންގެ 75 ވޯޓާއެކު އެވެ. ދެކޮޅަށް 13 މެންބަރުން ވޯޓު ދެއްވި އެވެ. އެ އިސްލާހުތަކާއެކު މަޖިލީހުން ބިލު ފާސްކުރަން މިއަދު ހަވީރު 05:30 ގައި ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ތާވަލުކޮށްފަ އެވެ.
އެ ބަދަލުތައް ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ. ވޯޓު ގަޑީގައި އެ ހުށަހެޅުން ބޭރުކުރީ 69 މެންބަރުންގެ ވޯޓުންނެވެ. މަޝްވަރާ ކުރަން ތާއީދު ކުރެއްވީ އެންމެ 11 މެންބަރުންނެވެ.
ކޮމިޓީން ބިލު ފާސްކުރީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ދެ އިސްލާހަކާ އެކު އެވެ. ފުރަތަމަ ހުށަހެޅުން ފާސްކުރަން 83 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކު ވެސް އިންނެވި އެވެ.
އެއީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި މެންބަރުންގެ ވޯޓަކުން ފާސްކުރާ ގާނޫނަކުން ކަން އެ ބިލުގައި ހިމެނުމަށް ގެނައި ބަދަލެކެވެ. ބިލު ހުށަހެޅިއިރު އޮތީ އެ ބަދަލު ގެނެވޭނީ ތިން ބައިކުޅަ ދެ މެންބަރުންގެ ވޯޓުން ކަމަށެވެ.
ދެވަނަ ހުށަހެޅުމަށް ވޯޓަށް އެހި ވަގުތު މަޖިލީހުގެ ސިސްޓަމަށް މައްސަލައެއް ދިމާވެ ވޯޓު ނެގީ ކޮންމެ މެންބަރަކާ ވަކިވަކިން ސުވާލުކޮށްގެންނެވެ. ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދެއްވިއިރު ހަ މެންބަރުން އެއާ ދެކޮޅަށް ވޯޓު ދެއްވި އެވެ. ދެ މެންބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.
ތިންވަނަ އިސްލާހަކީ މެންބަރުން ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް މީކާއިލް ހުށަހެޅުއްވި އިސްލާހެކެވެ. ނަމަވެސް, 75 މެންބަރުންގެ ވޯޓާއެކު އެ އިސްލާހު ވަނީ ބޭރުކޮށްލާފަ އެވެ. ފާސްކުރަން 12 މެންބަރުން ވޯޓު ދެއްވި އެވެ.
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން:
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި