މާޅޮހު ކައުންސިލްގެ ބޭންކް އެކައުންޓުތަކުންނާއި ތިޖޫރީން ފަސް ލައްކައެއްހާ ރުފިޔާ ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެކަން ފެންމަތިވީ ފުލުހުން އެދިގެން އޮޑިޓާ ޖެނެރަލް އޮފީހުން ހެދި އޮޑިޓަކުންނެވެ. އެ އޮޑިޓް ރިޕޯޓުގެ ބުނެފައިވާ ގޮތުން މާޅޮހު ކައުންސިލްގެ ބޭންކް އެކައުންޓުތަކުންނާއި ތިޖޫރީން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ނެގި ފައިސާގެ ތެރެއިން 492،867 ރުފިޔާ ވަނީ ގެއްލިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ކައުންސިލުގެ އިދާރާގެ ބޭންކު އެކައުންޓުން ނެގުމަށްފަހު އަލުން އެކައުންޓަށް ޖަމާކޮށްފައި ނުވާ 255،584 ރުފިޔާއަކާއި ކައުންސިލުގެ ބޭނުންތަކަށް ކަމުގައި ބުނެ ކައުންސިލުގެ އެކައުންޓުތަކުން ނެގި 112،500 ރުފިޔާއަކާއި މުވައްޒަފުންގެ އެލަަވެންސް ފައިސާގެ ގޮތުގައި ދޭންޖެހޭ އަދަދަށްވުރެ އިތުރަށް ނެގި 82،579 ރުފިޔާއެއްގެ އިތުރުން ތިޖޫރީގައި ހުރި ފައިސާ އިން އެކައުންޓަށް ޖަމާކުރަން ކަމުގައި ބުނެ ނެގުމަށްފަހު އެކައުންޓަށް ޖަމާކޮށްފައިނުވާ 42،204 ރުފިޔާ އެކެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ފައިސާތަކުގެ ތެރެއިން 255،584 ރުފިޔާ ކައުންސިލުގެ އެކައުންޓުން ނަގާފައިވަނީ 8 ޗެކެއް މެދުވެރިކޮށެވެ. އެ އަދަދަށް ފައިސާ ނަގާފައިވާ ސަބަބާއި އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފުސީލެއް ކައުންސިލުގައި ނެތް ކަމަށާއި އެ ފައިސާ ހަރަދުކުރުމުގެ ކުރިން ހަދަންޖެހޭ ޕޭމަންޓު ވައުޗަރުތަކާއި ފައިސާ ހަރަދުކުރުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ސަޕޯޓިން ޑޮކިއުމެންޓުތައް ކައުންސިލު އިދާރާގައި ނެތް ކަމަށްވެސް ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޗެކަކުން ނެގި 48،298 ރުފިޔާ ފިޔަވައި ބާކީ ހުރި ފައިސާ ނަގާފައިވަނީ ކައުންސިލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައި ކުރިން ހުރި މުވައްޒަފެކެވެ. އެ ފައިސާ އަނބުރާ ތިޖޫރީއަށް ނުވައްދާކަން ލިޔެކިޔުމުން އެނގޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.
މީގެ އިތުރުން 112،500 ރުފިޔާއަކީ ލިޔެކިޔުން ފޯޖުކޮށް ލިޔުންތައް އޮޅުވާލައިގެން ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ބޭންކު އެކައުންޓުން ނަގާފައިވާ ފައިސާ ކަމަށާއި އެ ފައިސާ ކައުންސިލުގެ ތިޖޫރީއަށް ވެއްދިކަން އެނގޭނެ ލިޔުމެއް ނެތްއިރު، އެ ފައިސާ ބޭނުންކުރީ ކިހިނެއްކަން އަދި ބޭނުންކުރީ ކައުންސިލުގެ ބޭނުންތަކަށްކަން އެނގޭނެ ލިޔުމެއްވެސް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ އެ މައްސަލަތަކުގައި ޝާމިލުވާ ކައުންސިލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު، ކައުންސިލުގެ އިންޓާނަލް އޮޑިޓުގައި އެ ކައުންސިލުގެ ފައިސާގެ ތެރެއިން ދެ ލައްކައެއްހައި ރުފިޔާ އަމިއްލަ ބޭނުމަށް ބޭނުންކުރި ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އަދި ކައުންސިލުގެ ބޭނުންތަަކަށް ފައިސާ ނަގާއިރު ލިޔެކިޔުން އޮޅުވައިލާ ކައުންސިލުގެ ވެރިންގެ ސޮއި ފޯޖުކޮށްގެން ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ފައިސާ ނެގުމަށްފަހު، އިތުރަށް ނަގާ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރި ކަމަށްވެސް އެއްބަސްވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ މުވައްޒަފަށް އެ ޖަރީމާ ހިންގުނީ ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާ އޭނާގެ ގާނޫނީ ޒިންމާ އަދާނުކުރުމުގެ ސަބަބުންނެވެ. އެހެންކަމުން ކައުންސިލްގެ ފައިސާ ގެއްލުނު މައްސަލައާއި އޮޅުވާލައިގެން ފައިސާ ނެގި މައްސަލައިގައި އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ ޖިނާއީ ތަހުގީގެއް ހިންގުމަށް ލަފާ ދީފަ އެވެ.
8 Comments
ގުޅުންހުރި
އޮޑިޓް އޮފީހުގެ ތަޖުރިބާ ހުރި އޮޑިޓަރުންނަށް ބޮޑު މުސާރަ ދީގެން ގެންދާތީ