ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މުހިންމު މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮމްމެންޓް ކޯޕަރެޝަން (އާރްޑީސީ)ން ބުނެފި އެވެ.
މިލަންދޫ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 12 މާރޗް 2020 ގަ އެވެ. މި މަޝްރޫގެ އަގަކީ 156،477،632.23 ރުފިޔާ އެވެ.
އާރްޑީސީން މިއަދު ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން މި މަޝްރޫއުގެ ”ފައިނަލް އިންސްޕެކްޝަން“ ހެދުމުގެ މަރުހަލާ ކަމަށެވެ.
މިލަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 6.3 ކިލޯމީޓަރުގެ ދިގުމިން ހިމެނޭހެން ނުވަ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އާރްޑީސީން ބުންޏެވެ. އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ ސްޓޯމް ވޯޓާ ނެޓްވޯކާއި ކޭބަލް ޖަންކް އަދި ސްޓޯމް ވޯޓާ ޕަމްޕުތައް ހިމެނޭ ހެން ފެން ހިންދާ ނިޒާމާއެކުގައި ކަމަށް އާރްޑީސީން ބުންޏެވެ. އަދި ހުރިހާ މަގެއްވެސް ތަރައްގީ ކުރެވިފައިވަނީ ތާރު އަޅައިގެން ކަމަށް އާރްޑީސީން ބުންޏެވެ.
ކޯވިޑް-19 ގެ އާލަމީ ވަބާއާއި ގުޅިގެން މި މަޝްރޫއަށް ބޮޑެތި ލަސްތަކެއް ކުރިމަތިވި ކަމަށް އާރްޑީސީން ބުންޏެވެ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަހަކީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަސް ކަމަށް އާރްޑީސީން ބުންޏެވެ.
އެކަމުގެ ސަބަބުން ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލަން މަޖުބޫރުވިއިރު، މިލަންދޫގެ މަގު ހެދުމުގެ މަޝްރޫއު މަޑު ޖައްސާލަން ޖެހުނީ ދަތުރުފަތުރުގެ ގޮންޖެހުންތަކާއި ރަށްރަށަށް ދަތުރުކުރުން މަނާކުރުމުގެ ސަބަބުން ކަމަށް އާރްޑީސީން ބުންޏެވެ.
ގުޅުންހުރި
ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުގެ ޖާގަ ދެގުނަ ބޮޑުކުރަން އާރުޑީސީއާ ހާވަލުކޮށްފި
އާރްޑީސީގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ބާރަށް ކުރިއަށް
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާރުޑީސީން ތަމްރީން ހޯދައިދިނުމުގެ ޕްރޮގްރާމް ފަށައިފި
އަމީނީ މަގުގެ މަޝްރޫއު: ޕަމްޕް ސްޓޭޝަންގެ ވެލްވް ޗެމްބަރާއި ޕެނަލް ބޯޑު
މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެއްބާރުލުން ދޭން ނިންމި ފުރަތަމަ ކުންފުންޏަކަށް