އެމްއެންޑީއެފުން ހަލާކުވެފައިވާ މޮނީޓަރަކާއި ކީބޯޑެއް އަދި މައުސްއެއް ނީލަމުގައި ވިއްކާލަނީ

ބަންޑާރަ ކޮށި --

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި ހުރި ހަލާކުވެފައިވާ މޮނީޓަރަކާއި ކީބޯޑެއް އަދި މައުސްއެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ނީލަން ކިޔަން ނިންމާފައިވާ ހުރިހާ އެއްޗަކީވެސް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ތަކެއްޗެވެ.

އެގޮތުން އެލްސީޑީ މޮނީޓަރުގެ ނީލަން ފަށާ އަގަކީ 280ރ. އެވެ. ކީބޯޑްގެ ނީލަން 30ރ. ގައި ފަށާއިރު މައުސްގެ ނީލަން ފަށަނީ 7.50ރ. އަށެވެ. އެހެންކަމުން އެއީ ޖުމުލަ 317 ރުފިޔާ 50 ލާރި އެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން ނީލަން ކިޔުން ކުރިއަށްދާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ހުޅުލޭގައެވެ. ނަމަވެސް ނީލަން ކިޔުމަށް ހާޒިރުވާން ޖެހެނީ އެސްޓީއޯ ފުށްގުދަންކައިރީގައި ހުންނަ ކަޅުތުއްކަލާކޮށި އުތުރު ގޭޓް ކައިރިއަށެވެ.