ގޭބިސީތަކަށް އެއް މިނެއްގައި ފެނާއި ކަރަންޓާއި ނަރުދަމާ އަދި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭން ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހުގައި އޭނާ ވިދާޅުވީ ފެނާއި ކަރަންޓާއި ނަރުދަމާ އާއި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ގޭބިސީއަކަށް ފޯރުކޮށްދޭ ހިދުމަތް، އެ ގޭބިސީއެއްގެ ހުރިހާ ހިސާބަކަށް އެއްމިންވަރަކަށް، އެއްބާރުމިނުގައި އަދި އެއްހަލުވި މިނެއްގައި ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.
އެ ހިދުމަތްތައް އެއް މިނެއްގައި ފޯރުކޮށްދިނުމުގެ ޒިންމާއިން ޕްރައިވެޓް، ޕަބްލިކް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް އިސްތިސްނާ ނުވާނެ ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
އިސްލާހުގައިވާ ގޮތުން ފެނާއި ކަރަންޓާއި ނަރުދަމާ އާއި އިންޓަނެޓްގެ ހިދުމަތް ގުޅުމާ އެކު އެ ގޭބިސީއެއްގެ އެންމެހާ ކޮޓަރިތަކަށާއި ފަހާނާތަކަށާއި އަދި ގޭބިސީއެއްގެ އެންމެހާ ކަންކޮޅުތަކަށް އެއް މިނެއްގައި އެ ހިދުމަތެއް ލިބޭތޯ ކަށަވަރު ކުރުމަކީ ސާވިސް ޕްރޮވައިޑާގެ ޒިންމާއެކެވެ.
އެކަމަށް އިތުރު ފީއެއް ނަގައިގެން ނުވާނެ ކަމަށް ވެސް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
ހިދުމަތް ފޯރުކޮށްދޭ ފަރާތުން މި މާއްދާއާ ހިލާފުވެއްޖެ ނަމަ، ޝަރުއީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ.




2 Comments
ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް