ރަށްރަށުގައި ކަރަންޓު ކެނޑޭ މައްސަލަ ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން ހައްލުވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިފާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅު ތެރޭގައި ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިންޖީނުގެތައް ހުރީ ވަރަށް މެއިންޓެއިންސް ނުކުރުމުގެ ސަބަބުން ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު ސަރުކާރުން ބޮޑު ހޭދައެއް ކުރި ނަމަވެސް ތީޖާއެއްގެ ގޮތުން އެކަށީގެންވާ ދާއިމީ ހައްލެއް ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް މިހާރު ސަރުކާރުން ނިންމާފައިވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއާއި ފެނަކަ މެދުވެރިކޮށް، ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ ހުރިހާ ރަށެއްގައި ކަރަންޓު ހިދުމަތް އަދާހަމަކޮށް ބޭނުންވާ އާ ޖަނަރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން އިންސްޓޯލުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
”ފެނަކަ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ފަދަ ކުންފުނިތައް ގުޅި، އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި، އެންމެ ރަށެއް ވެސް މި މައްސަލަ އޮތް ރަށެއް ވިއްޔާ ހިމެނޭ ގޮތަށް، އެންމެ ރަށެއް ވެސް ދޫކޮށް ނުލައި ހުރިހާ ރަށެއްގައި ޖަނަރޭޓަރުގެ މައްސަލަ ހައްލު ކުރުމަަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ، އިންސްޓޯލްކޮށް ނިންމަން،“ ރައީސް ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ މި ދެ މަސް ތެރޭގައި ރާއްޖޭގައި ހުރިހާ ރަށެއްގައި ރަމަޟާން މަހު ތި ބޭފުޅުން ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލު ކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން އެކަން ތި ބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް އެކަން ކޮށްދެވޭތޯ،“
ރައީސްވަނީ މި މަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ފާހަގަކުރެއްވުމާއެކު، ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއމީ ހައްލެއް ހޯދަައިދިނުމަށް ސަރުކާރުން އަޒުމް ކަނޑައަޅާފައިވާކަމަށް ވިދާޅުވެފަ އެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި