އޭޕްރިލް 19, 2025

ވަގު ފޯމުތަކުގެ މައްސަލައިގައި އިހުސާން މަގާމުން ވަކިކުރަން ހުށަހަޅަން ނިންމައިފި

އާންމުންގެ ޒާތީ މައުލޫމާތު އެ މީހުންނަށް ނޭނގި ބޭނުންކޮށް، ސޮއި ފޯޖު ކުރުމަށްފަހު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މީހުން ވައްދާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނިންމައިފި އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރަކު މި ނޫހަށް ވިދާޅުވީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ޕީޖީ ގުރޫޕުގެ އިއްތިފާގުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.

އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމާފައިވާއިރު، އެ މައްސަލަ އީސީން ފުލުހަށް ހުށަހަޅާފައިވާއިރު، ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި ކަމަށް އެ ޕާޓީންވެސް ވަނީ އެއްބަސްވެފަ އެވެ.

އަދި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާ ބޭސް ނަހަމަ ގޮތުގައި ބޭނުންކޮށް، ޒާތީ މައުލޫމާތު ބޭނުންކޮށްގެން ގިނަ ބަޔަކަށް ނޭނގި ޕީއެންސީއަށް ވެއްދީ އިހުސާންގެ ބައިވެރިވުމާއެކު ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތު ކޮށްފައި ވަނިކޮށް ޕީއެންސީން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅި ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ކުރީ އިހުސާންގެ ބެލުމުގެ ދަށުން ކަން އެނގޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ ލީކުވެފަ އެވެ.

ލީކުވެފައިވާ ފޮޓޯތަކުގައި ޕީއެންސީގެ ފޯމުތަކެއް ފުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދިޔައިރު އިހުސާން އެ ކޮޓަރީގައި ހުންނަވާ ތަނެވެ. އިހުސާނުގެ އިތުރުން ޑީއެންއާރު ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީވެސް އެތަނުގައި އިންނަވާތަން ފޮޓޯއަކުން ފެނެ އެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބުނާ ގޮތުން ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި ނަކަލު ކުރުމަކީ ކުށެކެވެ. އެއީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

2 Comments

  • Hussain Riyaz Boduriyaa ޖެނުއަރީ 15, 2025

    kalo. mihaaru. thi kahala kan kan. nuhigaane.
    ehehn kamaa gen ulhey.

  • Shareefa Manike ޖެނުއަރީ 15, 2025

    MDP thikahala hurihaa kameh dhaskoh dheefa thiothee
    Mihaarudhen hudhukaafoorah vaan ulhunas nuvaane
    Aaraai baaru oiy dhuvahu gaumu hingee kashi kuburu jangaleega thereyga idhikolhah dhamaa usoolun
    MDP akee ehves kameh islaahu kuran ulhey baeh noon

Leave a Reply