ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެކެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިރިމަރަދޫ ކައުންސިލުން ވަނީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލުކުރައްވައި އެ ރަށު ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުވާން ބޭނުންވާކަން އަންގައިފަ އެވެ.

މީގެކުރިން ވެސް ހދ. އަތޮޅުގެ ބައެއް ރަށްތަކުން މީހުން ބަދަލު ކޮށްފައިވެ އެވެ. އެގޮތުން އެ އަތޮޅު ކުނބުރުދޫ އާއި ފަރިދޫ އަދި މާވައިދޫ އިން މީހުން އޭރު ބަދަލުކޮށްފައިވަނީ އެ އަތޮޅު ހަނިމާދޫ އަދި ނޮޅިވަރަންފަރަށެވެ.