ރައީސް މުއިއްޒު، ރިޔާސީ ބަޔާން އިއްވާއިރު ރިޔާސަތު ބަލަހައްޓާނީ އަބްދުއްރަހީމް

މިއަންނަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ބަޔާން އިއްވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް އަބްދުﷲ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު މީޑިއާތަކަށް ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް ކަމަށެވެ. އަބްދުއްރަހީމް ނޫން ބޭފުޅަކު ރިޔާސަތު ބަލަހައްޓާ ގޮތަށް އަދި ހަމަޖެހިފައިނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

”މަޖިލީހުގެ ރައީސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ. އޭނުން ގޮތަކަށް އަދި އެކަން ހަމަޖެހުނު ކަމުގެ މައުލޫމާތެއް ނެތް“ މަޖިލީހުން އިދާރާއިން ބުންޏެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަބްދުއްރަހީމުގެ ދަރިފުޅު އިބްރާހިމް ފައިސަލް ވަކިކުރެއްވުމާއެކު ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް ގަދަވިއެވެ. އެ އަޑުތައް ގަދަވެފައިވަނިކޮށް އަބްދުއްރަހީމް ވެސް ވަނީ ރައީސް މުއިއްޒާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

”މި ވެރިކަން ފެށުނުއިރު [ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން [ ފައިސަލް ވަކިނުކުރާނެ] މިގޮތަކަށް ނުހިނގާނެ،“ އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަޖެހި މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކިކުރަން އުޅޭ ވާހަކަތަކެއް ވެސް ސޯޝަލް މީޑިއާގައި ފެތުރުނެވެ.