ޕޯސްޓް ޑިލީޓްކުރީ މީކާއިލްގެ އަމަލުތައް ހުރި ގޮތުން، މިނިސްޓްރީން ބުނެގެނެއް ނޫން: ޖޭއެސް

އެ ސްކޫލުގައި ކުރިން ތައުލީމު ހާސިލުކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމުގެ ކާމިޔާބީއާ ގުޅޭ ޕޯސްޓް ޑިލީޓް ކުރީ އޭނާގެ ފަރާތުން އަދުގެ ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށް ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ބުނެފިއެވެ.

ޖޭއެސް އިން އަންނަނީ އެ ސްކޫލުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން ތައުލީމު ހާސިލުކުރި 40 އިސްދަރިވަރެއްގެ ކާމިޔާބީ ގެނެސްދެމުންނެވެ.

އެގޮތުން އެ ސްކޫލުން އިއްޔެ ހެނދުނު ވަނީ ޖަމާލުއްދީނުން ކިޔެވިއިރު މީކާއިލް ހޯދި ކާމިޔާބީތަކާއި ސިޔާސީ ދާއިރާ އާއި އަދި އެހެނިހެން ގޮތް ގޮތުން އޭނާ ހޯދި ބައެއް ކުރިއެރުންތައް ހިމަނައި އެ ސްކޫލުގެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ޕޯސްޓް ޑިލީޓް ކޮށްފަ އެވެ.

އެކަމާ ގުޅިގެން މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަމާލުއްދީނުން އެފަދަ ޝަރަފެއް އޭނާއަށް ދެއްވި ކަމަށްޓަކައި އެ ސްކޫލަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީގެ ޕްރެޝަރާ ގުޅިގެން އެ ޕޯސްޓް ޑިލީޓް ކުރަން ޖެހުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި މީކާއިލް ވިދާޅުވީ މިގޮތަށް މައިކްރޯ މެނޭޖް ކުރާ ސަރުކާރެއް ނުދެކޭ ކަމަށެވެ.

މީކާއިލް އެހެން ބުނެފައި ވަނިކޮށް ރޭ ދަންވަރު ޖޭއެސް އިން ވަނީ އެ ސްކޫލުގެ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފަ އެވެ.

އެ ޕޯސްޓުގައި ޖޭއެސް އިން ބުނީ، އެ ޕޯސްޓް ޑިލީޓްކުރަން ޖެހުނީ އެ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކަށް ވެފައި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރު، މީކާއިލްގެ ފަރާތުން އަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށެވެ

”އެފަދަ ކަންކަމަކީ މި ސްކޫލުން ގަބޫލުކުރާ އަހުލާގީ މިންގަނޑުން ބޭރު ކަމަށް ވާތީ އާއި އެތައް ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުންދިއުމާ ގުޅިގެންނެވެ. ސްކޫލުން މި ޕޯސްޓް ޑިލީޓްކޮށްފައިވަނީ އެލުމްނާއި ޕްރޮފައިލް ކޮމެޓީގެ މަޝްވަރާގެ މަތިންނެވެ،“ ޖޭއެސްގެ ގެ ބަޔާނުގައިވެ އެވެ.

މި ޕޯސްޓް ފޭސްބުކާއި އެކްސް އިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޕްރެޝަރު ކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.