ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ރޭވުމެއް ނުރާވަން: ގާސިމް

ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ރޭވުމެއް ރޭވި ކަމަށް ބުނެ ފަތުރަމުން އަންނަ ހަބަރު މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދޮގު ކުރައްވައިފި އެވެ.

ގާސިމް އެކަން ދޮގު ކުރައްވާފައި މިވަނީ، އޮންލައިން ނޫހެއްގައި އޭނާ އާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާއި މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމް ރޯޔަލް އައިލެންޑުގައި ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ރޭވުމެއް ރޭވި ކަމަށް ބުނެ ޖަހާފައިވާ ހަބަރާ ގުޅިގެންނެވެ.

އެކަން ދޮގުކޮށް ގާސިމް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ރޯޔަލް އައިލެންޑް ރިސޯޓަށް ވަޑައިނުގަންނަވާތާ ތިން އަހަރު ވެފައިވާ ކަމަށާއި އެންމެ ފަހުން ވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ބޭއްވި ށ. އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަންގައި ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުގެ ތެރޭގައި ކަމަށެވެ.

އަދި ހަބަރުގައި ބަޔާންކޮށްފައިވާ މުހައްމަދު ޝިހާބާއި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް ރިސޯޓަށް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މި ހިސާބަށް އެ ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައެއް ނުވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

”މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ހަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި ފާފަވެރިކަން އެނގިތިބެ، މުޖުތަމައު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރާ މީހުންނެވެ،“ އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުންދާ ވާހަކަތައް ހުއްޓުވައިދިނުމަށް ގޮވާލައި ގާސިމް ވިދާޅުވި އެވެ.