ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާގެ ފަރާތުން އެދިވަޑައިގަތަސް، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކޮމިޝަނުން ބުނެފި އެވެ.
ޖޭއެސްސީގެ އޮފިޝަލަކު :ހަފުތާ“އަށް ވިދާޅުވީ ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ އަޒްމިރަލްދާގެ ހުށަހެޅުން އެޖެންޑާއި ކޮށް އެއާމެދު މަޝްވަރާކޮށް، އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލައިގެން ކުރިއަށް ގެންދިއުމަށް ނިންމައިފައި ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންގެންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރީ 26 ފެބްރުއަރީ 2025ގައެވެ. ހަމަ އެ ދުވަހު ފަނޑިޔާރު އަޒްމިރަލްދާގެ ފިރިމީހާ، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީއަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖޭއެސްސީން ފަނޑިޔާރުގެ ސުލީކީ މައްސަލައެއް ބަލަން ނިންމި އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުވެސް ނެތީސް ހައްޔަރުކުރި ޑރ. ލަތީފް ބަންދުން ދޫކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
”އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފުސީލާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު 27 ފެބްރުއަރީ 2025ގައި ސިޓީއަކުން ދަންނަވާފައިވާނެ،“ ފަނޑިޔާރު އަޒްމިރަލްދާ ތަމްސީލްކުރައްވާ ލޯފާމް، ޝަމީލް އެންޑް ކޯ އެލްއެލްޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ އެހެން ކަންތައްތައް:
– އޭސީސީން ފަނޑިޔާރާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނި ނަމަވެސް ސަސްޕެންޑް ކުރިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވީއިރުވެސް އޭސީސީން ފަނޑިޔާރުގެ މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއް ކަމެއް އަންގާފައިނުވުން
– ފަނޑިޔާރާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގެ މައުލޫމާތުތައް ހޯދަން އޭސީސީއަށް ލިޔުމުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވުން
– ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުގައި އަމަލުކުރި ގޮތާއި ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ބައްދަލުވުމުގެ މައުލޫމާތާއި އޭސީސީން ފޮނުވި ކަމަށް ބުނާ ސިޓީގެ ކޮޕީއެއް ހޯދުމަށް އެ ކޮމިޝަނުގައި އެދުމުން އެއްވެސް ޖަވާބެއް ދީފައިނުވުން
– ބަޔާނުގައި އިތުރަށް ބުނީ، ޑރ. ލަތީފުގެ މައްސަލައާ ގުޅުވައި ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތްކޮށްފައިވާތީ އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަވައި ދެއްވުމަށް 27 ފެބްރުއަރީ 2025 ގައި އޭސީސީއަށް ފަނޑިޔާރު އަޒްމިރަލްދާ މައްސަލައެއް ހުށަހެޅުއްވި ކަމަށެވެ.
”މައްސަލަ ހުށަހެޅުއްވުމުން އޭސީސީން 4 މާޗް 2025 ގައި ފަނޑިޔާރަށް އަންގަވާފައިވަނީ ފަނޑިޔާރު ހުށަހެޅުއްވި (ޝަކުވާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ފާހަގަކުރެވިފައިނުވާ) ކަމަށާއި (ޝަކުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް މިހާތަނަށް ފާހަގަކުރެވިފައިނުވާތީ) އެ މައްސަލަ ރަޖިސްޓްރީ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.،“ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނީ، ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން މުއައްސަސާތަކުގައި އެދިވަޑައިގެންފައިވާ މައުލޫމާތު ނުލިބޭތީ އާއި ހުށަހަޅުއްވާފައިވާ ޝަކުވާތަކާ ގުޅިގެން އެއްވެސް ޒިންމާއެއް އަދާކޮށްފައި ނުވާތީ އަޒްމިރަލްދާއަށް އިންސާފު ހޯދަން ހުރަސްއެޅިފައިވާ ކަމަށެވެ.

1 Comment
ގުޅުންހުރި
ފުލެޓަށް ކުރިމަތިލި ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ: ހައުސިން
ކޮވިޑް ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އޭސީސީއާއި ފުލުހުން ގުޅިގެން ތަހުގީގު
ތުހުމަތުތަކަށް ފަނޑިޔާރު މަހާޒް އިންކާރު ކުރައްވައިފި
ފަލަސްތީންގެ ރައްޔިތުން އިތުރަށް ހާލުގައި ޖައްސަން, މުޅި ގާޒާއިން ކަރަންޓު ކަނޑާލަން
މެންބަރު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ބަލައިގެންފި
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބުނު މީހުންނަށް މި ދައުރުގައި ފްލެޓް ލިބޭނެ: