ބަދަރު ހަނގުރާއިން ވެރިންނަށް ކިޔަމަންވުމުގެ މުހިންމު ކަމާއި މަޝްވަރާގެ ރީތި އުސޫލުން ކަންކަން ނިންމުމުގެ ރީތި ފިލާވަޅު ލިބިގެންދާ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދު ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ކާމިޔާބީއަށާއި އެ ހަނގުރާމައިން ލިބުނު ފިލާވަޅުތަކަށެވެ.
ހުކުރު ހުތުބާގައި ބުނީ ރަމަޟާން މަހަކީ އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމައާއި ނަސްރުދެއްވުން ލައްވަވައިފައިވާ މައްސަރެއް ކަމަށެވެ. އެގޮތުން ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނު ކަމަށާއި އެ ހަނގުރާމައަކީ އިސްލާމީ ތާރީހުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ ކަމަށް ހުކުރު ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެއް ކަމަށެވެ. އޭގެ ތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުންކުރުން ކަމަށާއި ކީރިތި ރަސޫލާ މި ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންސާރުންނާ މަޝްވަރާކުރެއްވި ކަމަށެވެ.
”ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފައެވެ. މުހާޖިރުންނާއި އަންސާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ މިކަމުގެ ރިވެތި މިސާލެކެވެ. ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަމެވެ. ބަދުރު ހަނގުރާމައިގެ ދުވަހު މުހާޖިރުންނާއި އަންސާރުން ކީރިތި ރަސޫލާއަށް އެރުވި މަޝްވަރާއިން މި ކަން ހާމަވެ އެވެ. ގުރައިޝުން މުސްލިމުންނާ ކުރިމަތިލާން އަންނަކަމުގެ ހަބަރު ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ ތެރެއިން އަބޫބަކުރުގެފާނާއި އުމަރުގެފާނަށް ދެއްވުމުން އެ ބައިމީހުންނާ ކުރިމަތިލެއްވުމަށް ތާއީދުކުރެއްވިއެވެ. އަދި އެ އަށް ފަހު މިގްދާދު ބިން އަމްރު ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲ އިރާދަކުރެއްވި ގޮތަށް ކުރިޔަށް ވަޑައިގަންނަވާށެވެ،،،“ ހުތުބާގައި ބުންޏެވެ.
ބަދުރު ހަނގުރާމައިން ލިބުނު ތިންވަނަ ފިލާވަޅަކީ އަސްހާބު ބޭކަލުންގެ ގުރުބާނީ ކަމަށް ހުތުބާގައި ބުންޏެވެ. އެ ދުވަހު ބަދުރުގެ މައިދާނުގައި ކީރިތި ރަސޫލާ ހުއްޓިވަޑައިގެން ހުންނެވުމަށް ހާއްސަ ކުރެވިފައިވާ އަރީޝްކޮޅުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނެވި އިރު، އެކަލޭގެފާނުގެ ހަށިފާރައަށް އަބޫބަކުރުގެފާނާއި ސައުދުބުން މުޢާޛުގެފާނު މަޑުކުރެއްވި ކަމަށް ހުތުބާގައި ބުންޏެވެ. ބަދުރުގެ ދުވަހުގައި ޝަހީދުވެ ދިޔައީ ސާދަ ބޭކަލުން ކަމަށާއި އޭގެ ތެރޭގައި ޒުވާން ސަހާބީން ހިމެނިވަޑައިގަތްކަމީ ޒުވާނުން އިބުރަތް ލިބިގަންނާން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
އެއީ އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިއްމުކަމުގެ އިޝާރާތެއް ކަމަށް ހުތުބާގައި ބުންޏެވެ. ބަދުރުގެ ދުވަހުގައި އުމުރުން އެންމެ ސޯޅަ އަހަރުފުޅުގައި އުމައިރު ބުނު އަބީ ވައްގާސް ޝަހީދުވެވަޑައިގެންނެވި ކަމަށާއި އެކަލޭގެފާނު ލަޝްކަރުގައި ބައިވެރިކޮށް ދެއްވުމަށް އެދި ދެންނެވުމުން އެކަލޭގެފާނުގެ އުމުރުފުޅުގެ ހަގުކަމާ ހުރެ އެކަލޭގެފާނު ހަނގުރާމައިގައި ބައިވެރިކުރެއްވުމަށް ކީރިތި ރަސޫލާ ފުރަތަމަ ހުއްދައެއްނުދެއްވި ކަމަށް ހުތުބާގައި ބުންޏެވެ.
”ނަމަވެސް އެކަލޭގެފާނު އިތުރަށް އެ ކަމަށް އާދޭސް ކުރައްވައި ކީރިތި ކުރެއްވުމުން ލަޝްކަރުގައި ބައިވެރިވުމަށް ހުއްދަދެއްވީއެވެ. ނިކަން ވިސްނައިބަލާށެވެ! އުމުރުފުޅުން އެންމެ ސޯޅަ އަހަރުގައި އިސްލާމްދީނުގެ ދިފާއުގައި ކާފިރުންގެ ކުރިމައްޗަށް ނިކުންނަވައި ޖިހާދުކުރެއްވުމުގެ ޝައުގުވެރިކަން އެ ލިބުނީ ކޮން ފަދަ އީމާންތެރިކަމަކާ ކޮން ފަދަ ކިޔަމަންތެރިކަމެއްގެ ސަބަބުންބާއެވެ. ބަދުރުގެ ދުވަހުގައި ސަޢުދުގެފާނާއި އެކަލޭގެފާނުގެ ބައްޕާފުޅު ޚައިޘަމާގެ ޖިހާދަކީ ވެސް އަހަރެމެން އިބުރަތް ލިބިގަންނާން ޖެހޭނެ ޖިހާދެކެވެ. ދަރިފުޅާއި ބައްޕަ ޖިހާދުކޮށް ޝަހީދުވުމުގެ ޝައުގުވެރިކަން ހުރެމެ އެ ދެބޭކަލުންނަށް އެއް ފަހަރާ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވޭން ނެތުމުން ސަޢުދުގެފާނު ބަދުރުގެ ދުވަހުގައި ބައިވެރިވެވަޑައިގަތްއިރު ޚައިޘަމާ ހުންނެވީ އާއިލާގެ ކަންކަން ބެލެހެއްޓެވުމުގަ އެވެ. އެ ދުވަހު ސަޢުދުގެފާނު ޝަހީދުވިއެވެ. އަދި އުޙުދު ހަނގުރާމައިގެ ދުވަހު ޚައިޘަމާ ޝަހީދުވި އެވެ.،،،“ ހުތުބާގައި ބުންޏެވެ.
ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތް ﷲއަށް ވަކީލުކުރުމާއި ދުއާކުރުމުގެ މުހިއްމުކަން ކަމަށް ހުކުރު ހުތުބާގައި ބުންޏެވެ. ދުއާއަކީ މުއުމިނުންގެ ހަތިޔާރެއް ކަމަށް ހުތުބާގައި ބުންޏެވެ. ކަންކަމުގައި ﷲ ހަޒުރަތުގައި ދުއާ ދެންނެވުމަށް ލަދުގަނެގެން ނުވާނެ ކަމަށާއި އެކަލާނގެއީ އަޅުތަކުންގެ ދުއާ އިޖާބަކުރައްވާ ރަސްކަލާނގެ ކަމަށް ހުތުބާގައި ބުންޏެވެ. އެކަލާނގެއަށް ބިރުވެތި އިހުލާސްތެރި ހިތަކުން ދުއާކުރުމަކީ އެ ދުއާއެއް އިޖާބަވުމަށް އޮތް ބާރެއް ކަމަށް ހުތުބާގައި ބުންޏެވެ.
ބަދުރު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި، ވަކީލުކޮށްގެން ﷲއަށް ދުއާ ދެންނެވުމުގައި ގެންގުޅޭންޖެހޭނޭ އެންމެ ފުރިހަމަ ނަމޫނާ ކަމަށް ހުތުބާގައި ބުންޏެވެ. އެކަލޭގެފާނު ދެ އަތްޕުޅު މައްޗަށް ނަންގަވައި ދުއާކުރައްވައި ކީރިތިކުރައްވައި އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އޮހޮރުނު ކަމަށް ހުތުބާގައި ބުންޏެވެ
އަދި އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ރިދާކޮޅު ވެއްޓެމުންދަނިކޮށް އަބޫބަކުރުގެފާނު ވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅު ނަންގަވައި ކޮނޑުފުޅު ނިވައިކޮށް ދެއްވި ކަމަށް ހުތުބާގައި ބުންޏެވެ.

ގުޅުންހުރި
އީދު ހަފުތާ އެއްކޮށް ބަންދުކޮށް، ސަރުކާރު ދެން ހުޅުވޭނީ އެޕްރީލް ހަވަނަ
ދެމަފިރިއެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއް، ފިރިހެން މީހާ ޒަހަމްވެއްޖެ
މިއަދު އިމާމުވެ ހުކުރު ނަމާދު ކުރައްވާ ބޭފުޅުންގެ ތެރޭގައި އަބްދުއްރަހީމް
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މާންދީ ދެއްކި ވާހަކަތައް އީސީން ކުށްވެރިކޮށްފި
ގާނޫނީ އިމުގެ ތެރެއިން މުޒާހަރާ ކުރުމުގެ ފުރުސަތު ދިނުމަށް އެޗްއާރުސީއެމުން ގޮވާލައިފި
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ, ފިނޭންސްގެ ދަށަށް