އަންނަ އަހަރުން ފެށިގެން ރޯދަ މަހަށް ސްކޫލްތައް ވެސް ބަންދުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު --

އަންނަ އަހަރުން ފެށިގެން ރޯދަ މަހަށް ސްކޫލްތައް ބަންދުކުރުމަށް އެޑިއުކޭޝަން މިނިސްޓަރަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

”ރައްޔިތުންނާ އެކު“ ނަމުގައި ރައީސް އޮފީހުން މިއަދު ގެނެސްދޭން ފެށި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ރޯދަ މަހަށް ސްކޫލްތައް ބަންދުވީ އެކަޑެމިކް ކަލެންޑަރުގައި އޮތް ގޮތުން ނަމަވެސް އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުވެސް ސްކޫލްތައް ބަންދުކުރަން އަންގަވާފައިވާ ކަމަށެވެ.

”މިހާރު އަޅުގަނޑުވާނީ އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި ބައްލަވާ ދެއްވާށޭ ދެން އޮތް ކޮންމެ އަހަރެއްގައި ވެސް މުޅި ރޯދަ މަސް އެއްކޮށް ބަންދު ކުރުމަށް ހަމަޖެއްސޭތޯ، ކިޔަވައިދިނުމަށް އެއްވެސް ވަރަކަށް ގަޑިތައް ނުގެއްލޭ ގޮތަށް މުޅި އަހަރު ތެރޭ ހަމަޖައްސައިގެން،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރޯދަމަހު ސްކޫލްތައް ބަންދުކުރުމުން ދަރިވަރުންގެ ބެލެނިވެރިން ވެސް އެކަން ބަލައިގަތް ކަމަށެވެ. ރޯދަމަހު ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުން ވެސް އަޅުކަމުގައި މަޝްއޫލުވެ އުޅެ، އެކުގައި ވަގުތު ހޭދަކުރުމަށް ފުރުސަތު ލިބިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކޮންމެ ރޯދަ މަހެއްގެވެސް ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.