އޭޕްރިލް 8, 2025

90،000 އެއްހާ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި އަހަރުގެ ބޮޑު ޗުއްޓީ ދިމާވީ ރޯދަ މަހާ އެވެ.

ދޮޅު މަހެއްހާ ދުވަހުގެ ޗުއްޓީ އަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށި އިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުން ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް 90،000 އެއްހާ ދަރިވަރުން ކިޔަވާނެ އެވެ. އެ ކުދިންނަށް ކިޔަވައިދޭން 11،000 ޓީޗަރުން 216 ސްކޫލެއްގައި މަސައްކަތްކުރާނެ ކަމަށްވެސް ބުންޏެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ލިބެނީ ޖުލައި 28 އިން އޮގަސްޓު 7 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ. ނަމަވެސް ދެވަނަ ޓާމުގެ މެދު ތެރެއިން ސެޕްޓެމްބަރު 21 އިން 25 ޗުއްޓީއެއް ލިބޭނެ އެވެ.

އެ ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ރިޕޯޓް ކާޑު ދޫކޮށް، ރަސްމީކޮށް ޗުއްޓީ ފެށޭނީ ޑިސެމްބަރު 28 ވަނަ ދުވަހު ކަމަށް އެ ކަލަންޑަރުގައިވެ އެވެ. އަދި ޖެނުއަރީ 22 އާ ހަމައަށް ޗުއްޓީ ދިނުމަށްފަހު 2026 ވަނަ އަހަރުގެ ކިޔެވުން ފަށަން މިނިސްޓްރީން ނިންމާފައިވަނީ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.