އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އިހުލާސްތެރި ނިންމެވުމަކީ މުޅި އިސްލާމީ އުއްމަތަށް އެ މަނިކުފާނު ދެއްކެވި ނަމޫނާއެއް ކަމަށް މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ހަމަ ވަގުތުން އެ ބިލު ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
’ހަފްތާ‘ އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީޒު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށްވާއިރު، ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް އަދި އެ މަނިކުފާނުގެ ސަރުކާރު އޮންނާނީ އަބަދުވެސް ފަލަސްތީން ރައްޔިތުންނާއެކު ކަން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމާއެކު ރައީސް ސާބިތު ކޮށްދެއްވާފައިވާ ކަމަށެވެ.
”ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު ރައީސަށް ސެލިއުޓް ކުރަން. މި ގައުމުގެ ދުވަހަކުވެސް ކުރަން ނުކެރުނު ކަމެއް ރައީސް އެ ކުރެއްވީ. މުޅި އިސްލާމީ އުއްމަތަށް ރައީސް އެ ދެއްކެވީ ނަމޫނާއެއް، ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ރައީސްގެ ސާބިތުކަން މިވަނީ ދައްކަވާފައި،“ ޝަމީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެންމެ އިސްކަންދޭ މަސައްކަތުގެ ގޮތުގައި ކަމަށެވެ. އަދި އެ ބިލު ރައީސް ތަސްދީގު ކުރެއްވުމުން ހާމަވަނީ، އިސްލާމްދީނާއި ރައްޔިތުންގެ ހައްގުގައި ނިންމަންޖެހޭ ކޮންމެ ނިންމުމެއްވެސް ސަރުކާރުން ނިންމަވާނެކަން ކަމަށް ޝަމީޒް ވިދާޅުވި އެވެ.
”މި ނިންމުން ނިންމުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ވިންދާއި އިހުސާސްތަކަށް ރިއާޔަތްކުރައްވާފައި. އަދި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން، ފަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީންގެ ފަރާތުން ލިބެމުންދާ އަނިޔާއާ މެދު ދިވެހި ރައްޔިތުންގެ މަގާމު ހާމަކޮށްދިނުމަކީ މުހިންމު ކަމެއް،“ ޝަމީޒް ވިދާޅުވި އެވެ.

ގުޅުންހުރި
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި