ހައްވާ ޔުމްނު ރަޝީދު ފުރާޅު މައްޗަށް ވެއްޓުނު ރޭ، އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލްއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯ އިން ޔުމްނު ވެއްޓުނީ އެ ގެއާ ޖެހިގެން ހުންނަ، ހ. މިޓާޒް ގޭގައި ހަދާފައި ހުންނަ ގުދަނުގެ ފުރާޅު މައްޗަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އިއްޔެ ރައުދު ހައްޔަރުކޮށްފަ އެވެ. އެއީ މި މައްސަލައިގައި އޭނާ ހައްޔަރުކުރި ދެވަނަ ފަހަރެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ ތިން ތުހުމަތަކަށެވެ. އެއީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމާއި އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތެވެ.
ރައުދުގެ ބަންދު އަމުރުގައިވާ ގޮތުން ޔުމްނު ފުރާޅު މައްޗަށް ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުމެއް ހިނގަ އެވެ.
”ތަހުގީގަށް އިތުރަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށްފަހު، އޭގެ މާގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް މީނާ ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އައިއޯ ފާހަގަކުރި،“ ބަންދު އަމުރުގައި ބުނެފައިވެ އެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓި ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގަ އެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ފުލުހުން ބުނާއިރު، ޔުމްނުގެ އާއިލާ އިން މިއަދު ވަނީ ބުނީ އެންސްޕާގެ އެހީގައި ބޭސްފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.

1 Comment
ގުޅުންހުރި
އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ބާތިލުކޮށްފި
ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވީ މައުލޫމާތު ނެތް ކަމަކަށް
ބައެއް ވަޒީރުން އުޅުއްވަނީ ސައިޒު އޮޅިގެން، ސައިޒަށް ތިރިވާން އައްބާސް ގޮވާލައްވައިފި
ސިނގިރޭޓް ވިއްކާއިރު އައިޑީކާޑް ޗެކްކުރުން ލާޒިމު ކުރަން ހުށަހަޅައިފި
ގެއްލުނު ދޯނި ފެނިއްޖެ، އެންމެންގެ ހާލު ރަނގަޅު
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ ރައީސް މުއިއްޒުގެ ހިތްވަރުގަދަ ނިންމުމެއް: އަންވަރު