އިކުއަޑޯގެ އައްސޭރިފަށަށް އިއްޔެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ޔޫރަޕިއަން މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން ބުނި ގޮތުގައި އިކުއެޑޯގެ އައްސޭރިފަށުގައި އޮންނަ އެސްމެރަލްޑާސް ސިޓީއަށް އިއްޔެ ބިންހެލުން އައިސްފައިވަނީ 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި 23 ކިލޯމީޓަރު އަޑިއަށެވެ.
އިކުއެޑޯގެ ސަރުކާރުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ބިންހެލުމުގެ ސަބަބުން 20 މީހަކު ޒަހަމްވެ، 135 އާއިލާއަކަށް ވަނީ އަސަރުކޮށްފަ އެވެ. އަދި ބައެއް އާންމު އިމާރާތްތަކަށާއި އަމިއްލަ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުވެސް ކެނޑިފަ އެވެ.
އިކުއެޑޯގެ ރައީސް ޑެނިއަލް ނޯބޯއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިންހެލުމުގައި ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ހިޔާތައް ގާއިމުކުރުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބިންހެލުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިކުއެޑޯގައި އޮޕަރޭޓްކުރާ ދެ ޕައިޕްލައިނަކުން ތެޔޮ ޕަމްޕް ކުރުން ވަގުތީ ގޮތުން މެދުކަނޑާލި އެވެ. ނަމަވެސް މިހާރު ވަނީ އަލުން ތެޔޮ ޕަމްޕް ކުރަން ފަށައިފަ އެވެ.
އެ ގައުމުގެ ސަރުކާރު ހިއްސާވާ ޕެޓްރޯއިކުއާޑޯ އިން ބުނީ ބިންހެލުމުގެ ސަބަބުން ތެޔޮ އެކްސްޕޯޓް ކުރުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.




ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15