ފުލުހުން މެލޭޝިއާގައި، އެކަމަކު އަދިވެސް ޔުމްނު ބަޔާނެއް ނުނަގާ

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)ގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ވީހާ ވެސް އަވަހަށް ނަގަން ބޭނުންވާ ކަމަށާއި އެކަން ނުވެ އޮތީ ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފަ އެވެ. ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ރޭ މީޑިއާގައި ބުނެފައިވަނީ ޔުމްނު އަމިއްލައަށް ވެއްޓުނީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށެވެ.

ފުލުހުން މިއަދު ބުނީ

އެ މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް އަދި ނުވާ ކަމަށް ބުންޏެވެ.

”އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެ އެވެ،“ ފުލުހުންގެ މެސެޖުގައިވެ އެވެ. ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ޔުމްނުގެ ބަޔާން ނެގުމަށް ދެ ފުލުހަކު އަދިވެސް ތިބީ މެލޭޝިއާގަ އެވެ.