މެއި 16, 2025

ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުގައި ހުރި ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެ މަހުގެ 24 ވަނަ ދުވަހު އެެވެ.

ރައުދު ހައްޔަރުކޮށް މިހާތަނަށް ތިން ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަަމަ ޖެހީ ފަސް ދުވަހެވެ. އެ ފަހުން ރައުދުގެ ބަންދަށް 10 ދުވަސް ޖެހިއިރު އެންމެ ފަހުން އޭނާގެ ބަންދަށް މި މަހު 10 ވަނަ ދުވަހު ކޯޓުން ޖެހީ ފަސް ދުވަހެވެ.

އެ މުއްދަތު މިއަދު ހަމަވާތީ ފުލުހުން ވަނީ އަނެއްކާވެސް ރައުދުގެ ބަންދު އިތުރުކުރަން ކޯޓަށް ހާޒިރުކޮށްފަ އެވެ. މިފަހަރު ކޯޓުން ވަނީ ރައުދުގެ ބަންދަށް 20 ދުވަސް ޖަހައިދީފަ އެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.