މެއި 16, 2025

ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް ނުބުނަން: އަމީން

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާގެ މައްސަލައިގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހެއްގެ ގުޅުމެއް އޮތް ކަމަށް ބުނެފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ހައްވާ ޔުމްނާ، 21އ، ފުރާޅުގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ އޭޕްރީލް 18، ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވާ ގޮތުން ޔުމްނާ އާއެކު ބުރާސްފަތި ދުވަހުގެ ރޭ ހަތް މީހަކު ހަރަކާތްތެރިވި އެވެ. އެއީ ޔުމްނާގެ އިތުރުން ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ. އެ ގްރޫޕު އެ ރޭ ފުރަތަމަ ދިޔައީ ”މާލޭގެ މެދުތެރޭގައި“ ހުރި ގެއަކަށް ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ގެއެއް ކަމެއް ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅޭ މއ. މާންދޫގޭދެކުނުގެ އެވެ.

އެއާއެކު އެ މައްސަލައިގައި އަމީންގެ އާއިލާ ބަޔަކުވެސް ހިމެނޭ ކަމަށާއި އެ މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ހުރަސްއަޅަމުންދާ ކަމުގެ ތުހުމަތު އަމާޒުވި އެވެ.

އެ ވާހަކަތައް ދޮގުކޮށް، ސޯޝަލް މީޑިއާގައި އަމީން ކުރެއްވި ޕޯސްޓެއްގައި މީގެ ކުރިން ވިދާޅުވެފައިވަނީ އޭނާ ދިރިއުޅުއްވާ އިމާރާތުގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށާއި ނަމަވެސް އެ އިމާރާތަކީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި އޮންނަ ތަނެއް ކަމަށެވެ. އަދި އެ ހާދިސާ ހިނގީ އޭނާގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށާއި އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން އޭނާއަށް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ އެ ހަރަކާތުގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަށާއި ހާދިސާއަށް ފަހު އެ މީހުންނާ ސުވާލުކުރަން ވެސް ފުލުހުން ގެންދިޔަ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން އަމީން ވަނީ އެ ހާދިސާގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވާ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

”ދައުލަތުގެ އިދާރާއަކުން ނުވަތަ ތަހުގީގީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު (ޔުމްނު ވެއްޓުނު ހާދިސާއާ) އަޅުގަނޑުގެ ތިމާގެ މީހަކު ނުވަތަ އާއިލީ ގޮތުން ގުޅުންހުރި މީހެއް ހިމެނޭކަން ނުވަތަ ޝާމިލުވާކަން ބަޔާންކޮށްފައެއް ނުވޭ. އަދި އެފަދަ މައުލޫމާތެއްވެސް ހާމަކޮށްފައެއް ނުވޭ،“ އަމީން ވިދާޅުވި އެވެ.