މެއި 23, 2025

ފުލުހުންގެ އިހުމާލުން ދޫވުމުން އާ އަމުރެއްގެ ދަށުން ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުގައި ހުއްޓާ މިއަދު ދޫވި ރައުދު އަހްމަދު ޒިލާލް އަނެއްކާވެސް މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައުދު ހައްޔަރުކުރީ އާ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެ މަހުގެ 24 ވަނަ ދުވަހު އެެވެ.

ރައުދު ހައްޔަރުކޮށް މިހާތަނަށް ތިން ފަހަރަށް ބަންދު އިތުރުކޮށްފައިވެ އެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަަމަ ޖެހީ ފަސް ދުވަހެވެ. އެ ފަހުން ރައުދުގެ ބަންދަށް 10 ދުވަސް ޖެހިއިރު އެންމެ ފަހުން އޭނާގެ ބަންދަށް މި މަހު 10 ވަނަ ދުވަހު ކޯޓުން ޖެހީ ފަސް ދުވަހެވެ.

އެ މުއްދަތު ހަމަވާތީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ އަނެއްކާވެސް ރައުދުގެ ބަންދު އިތުރުކުރަން ކޯޓަށް ހާޒިރުކޮށްފަ އެވެ. އެފަހަރު ކޯޓުން ވަނީ ރައުދުގެ ބަންދަށް 20 ދުވަސް ޖަހައިދީފަ އެވެ.

ފުލުހުން މިއަދު ހެނދުނު ރައްދު ބަންދުން ދޫކޮށްލިއިރު، ރައުދުގެ ފަރާތުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ހައިކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުން މިއަދަށް ތަވާލުކޮށްފަ އެވެ.

ރައުދު ބަންދުން ދޫކޮށްލުމުން އޭނާ ވަނީ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ކޯޓަށް ސިޓީ އެއް ފޮނުވައިފަ އެވެ. އެހެންވެ ހައިކޯޓުން މިއަދު ވަނީ އެ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްފަ އެވެ.

”ހަފްތާ“އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ފުލުހުުން ރައުދު ދޫކޮށްލީ އިޖުރާއަތްތަކާ ހިލާފަށް ކޯޓުން ރައުދުގެ ބަންދު ޖަހާފައިވާތީއާއި އޭނާ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެވެ. ހައިކޯޓުން އެ މައްސަލައިގައި ރައުދު ބަންދުން ދޫކޮށްލަން އަމުރުކޮށްފި ނަމަ ދެން ފުލުހުންނަށް ރައުދު އަލުން ހައްޔަރު ނުކުރެވޭނެ ކަމުގެ އިހުތިމާލު އޮތުމަކީ ވެސް ރައުދު ބަންދުން ދޫކުރި ސަބަބެއް ކަމަށެވެ.