މެއި 25, 2025

ޣައްޒާ ޑޮކްޓަރެއްގެ 10 ކުދިންގެ ތެރެއިން 9 ކުދިން އެއް ދުވަހެއްގައި ޝަހީދުކޮށްލައިފި

އަނިޔާވެރި އިޒްރޭލުން ދިން ހަމަލާއެއްގައި ޣައްޒާގެ ދެކުނުގައި މަސައްކަތް ކުރާ ކުޑަކުދިންގެ ޑޮކްޓަރެއްގެ 10 ކުދިންގެ ތެރެއިން ނުވަ ކުދިން ޝަހީދުކޮށްލައިފި އެވެ.

ޑރ. އަލާ އަލް ނައްޖާރުގެ ގެއަށް އަމާޒުކޮށް އިޒްރޭލުން ހަމަލާ ދިން އިރު، އޭނާ ހުންނެވީ ހާން ޔޫނިސްގައި ހުންނަ ނަސީރު މެޑިކަލް ކޮމްޕްލެކްސްގައި ޑިއުޓީގައެވެ.

އެ ހަމަލާގައި ޑރ. އަލާގެ ފިރިމީހާ އަދި ފިޒީޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ހަމްދީ އަލް ނައްޖާރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު ހަމަލާގައި ސަލާމަތްވީ 11 އަހަރުގެ ފިރިހެން ކުއްޖެއް އެކަންޏެވެ. އެ ކުއްޖާއަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާއާ ގުޅިގެން އިޒްރޭލުން ސީދާ އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް 24 ގަޑިއިރު ތެރޭގައި ޣައްޒާގެ 100 އަށްވުރެ ގިނަ ތަނަށް ހަމަލާ ދީފައިވާނެ ކަމަށް ބުންޏެވެ.