މެއި 29, 2025

އިމިގްރޭޝަނުން ހުޅުވާލި 50 ޖާގައަށް 861 މީހުން ކުރިމަތިލި!

މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލި އޮފިސާ ޓްރޭނީގެ 50 ވަޒީފާއަށް ކުރިމަތިލުމަށް ވޯކިން އިންޓަވިއުތަކުގައި ޖުމުލަ 861 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.

އިމިގްރޭޝަންގެ 50 އޮފިސަރުންގެ ވަޒީފާއަށް ދިގު ކިއުއެއް އިއްޔެ ހަދާފައިވެއެވެ. އިންޓަވިއު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ގަލޮޅޮ ސްކޫލުގައި ހެނދުނު ނުވައަކުން ހަވީރު ފަހަކަށެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިމިގްރޭޝަންގެ ވަޒީފާއަށް އެދި ޒުވާނުންނާއި އާންމު ރައްޔިތުން ދެއްކި ޝައުގުވެރިކަމާއި އެއްބާރުލުމަށް އިހުލާސްތެރި ކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ. އިމިގްރޭޝަން އޮފިސާ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ލިބުނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަރުހީބެއް ކަމަށްވެސް ބުންޏެވެ.

”ޖުމުލަ 861 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޒިރުވެފައިވާއިރު، އިންޓަވިއުގައި ބައިވެރިވެފައިވަނީ ވަޒީފާގެ ޝަރުތު ހަމަވާ 758 ފަރާތެއް،“ އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، އެގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަ ގޮތަށް އިންސާފުވެރި ކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

އެ މަސައްކަތުގައި އިމިގްރޭޝަންގެ 50 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެފައިވާ ކަމަށާއި އަދި ވަކި ކިއު ސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށް ބުންޏެވެ.