ސައުދީގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ

ސައުދީ އަރަބިއްޔާ ސަރުކާރުގެ ދައުވަތަކަށް މިއަހަރު އެ މަނިކުފާނާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހައްޖުގެ އަޅުކަމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.

”ރައްޔިތުންނާއެކު“ ނަމުގައި ގެނެސްދޭ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ހައްޖަށް ވަޑައިގަންނަނަވަނީ ސައުދީން، ރާއްޖެއަށް ދީފައިވާ 1،000 ޖާގައިގެ ކޯޓާގެ ތެރެއިން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގު ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

”1،000 ކޯޓާއަކީ ހަމަ އެ ކޯޓާ. އޭގެ ބޭރުން ފުރުސަތެއް ނޫނިއްޔާ ދައުވަތެއް މި ލިބެނީ. އެއީ ހަމަ އޭގެ ބޭރުން ވަކިން [ސައުދީއިން] ހަމަޖައްސައިދޭ ކަމެއް. އަޅުގަނޑަށް ވަރަށް ހާއްސަ ގޮތަކަށް މިކަންކަން ހަމަޖައްސައިދީފައި މި އޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖުކޮށް ހަމަޖައްސައިދީފައި އެނގޭތޯ“ ރައީސް ވިދާޅުވި އެވެ.

ހަމަ ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި. އެހެންވީމާ، އަޅުގަނޑުގެ ޙައްޖުގެ މި އެއްވެސް ކަމަކީ ކޯޓާގެ ތެރެއިންވެސް ހިނގާ ކަމެއް ނޫން. ސަރުކާރުގެ ބަޖެޓުން ކަމެއްވެސް ހިނގާ ކަމެއް ނޫން. ހަމަ ސައުދީ މެހްމާންދާރީގެ ތެރެއިން ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި ހުރި ކަންތައްތައް އިނގޭތޯ. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ސަޢޫދީ ރަސްގެފާނަށާއި ވަލީއަހުދަށް.“

އެ މަނިކުފާނު ވިދާޅުވީ އެފަދަ ކަންކަމުގައި ދޮގު ހަދައި މީހުންނަށް އޮޅުވާލުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

މީގެ ކުރިން ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ވެސް ސައުދީން ދެއްވި ފުރުސަތެއްގައި މިދިޔަ އަަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ވަޑައިގެންފަ އެވެ.