ސައުދީގެ ”ޕްރިންސް“ އާ ގުޅޭ ލިޔުންތަކާއި ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން ޑިލީޓްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގެ ޕްރިންސަކާ ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުންނާއި ގެނެސްދިން ލިޔުމާއި، އެ ބައްދަލުވުމުގެ ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން ޑިލީޓްކޮށްފި އެވެ.

ރައީސް އޮފީހުން މިމަހުގެ ފަސްވަނަ ދުވަހު ބުނީ ރައީސް މުއިއްޒާއި ”ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ“ އާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން އެ ހަބަރު ގެނެސްދިނުމުން އެއީ ޕްރިންސެއް ނޫން ކަމަށާއި އެއީ ކޮން އާޓިސްޓެއް ކަމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ބުނެފައިވެ އެވެ. ރައީސް މުއިއްޒު ބައްދަލުކުރެއްވީ ޕްރިންސެއް ކަމަށް ހެދިގެން ރާއްޖެ އައި ކޮން އާޓިސްޓަކާ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނެފައިވެ އެވެ. ރައީސް އޮފީހުން އެކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ނުކުރެ އެވެ.

ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުން މިއަދުގެ ވަގުތެއްގައި ވަނީ އެ ބައްދަލުކުރެއްވުމާ ގުޅޭ ލިޔުމާއި ފޮޓޯތައް ޑިލީޓްކޮށްފަ އެވެ. ރައީސް އޮފީހުގެ އެ ހަބަރު ލިންކަށް މިހާރު ވަނުމުން އަރަނީ ލިޔުން ޑިލީޓްކޮށްފައިވާ ކަމަށެވެ.

އަދި މިހާރު ވަނީ އެ ބައްދަލުވުމުގެ ފޮޓޯތައް އާންމުކޮށް ރައީސް އޮފީހުން އެކްސްގައިކުރި ޕޯސްޓުތައް ވެސް ޑިލީޓްކޮށްފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން އެ ލިޔުން ޑިލީޓް ކުރިނަމަވެސް ވެބް އާކައިވްގައި އެ ލިޔުން ވަނީ އާކައިވް ކުރެވިފަ އެވެ.