ގާ އެޅުމަށާއި ކާސްޓިން މަސައްކަތްތަކައް ކުންފުންޏެއް ރައީސް އުފައްދަވައިފި

ގާ އެޅުމަށާއި ކާސްޓިން މަސައްކަތްތަކައް ”އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް“ ނަމުގައި އާ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

ރައީސް މުއިއްޒު އެ ކުންފުނި އުފެއްދެވީ އެ މަނިކުފާނު މިއަދު ނެރުއްވި ގަރާރަކުންނެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ކުންފުނީގެ މަގުސަދަކީ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ އުމްރާނީ ތަރައްގީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުން ކަމަށެވެ.

އެ ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ މަގުން 10،000،000 ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 100،000،000 ރުފިޔާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.