ޖޫން 23, 2025

ވަގު ގޯތި މައްސަލަ: މުސާރަ ލިބޭ ގޮތަށް ފަޒީލް ސަސްޕެންޝަންގައި ހުންނަތާ ހަމަސް

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ހަދައި، ހުށަހެޅި ކަމަށް ތުހުމަތުވާ މައްސަލައިގައި، އެ ލިޔުން ހުށަހެޅި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގައި ހުންނަތާ ހަމަސް ވެއްޖެ އެވެ.

ފަޒީލަށް ތުހުމަތުވާ ވަގު ގޯތީގެ މައްސަލަ  ފެންމަތިވީ ފަޒީލް ހުށަހެޅި ބިމުގެ ވަށާފާރު ރޭނުމަށް އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކުވެސް ހުށަހެޅުމުންނެވެ. އެހެންވެ އެ ގޯތި ލިބިފައިވަނީ ކާކަށްތޯ ބެލުމަށް އެޗްޑީސީން 24 ޖުލައި 2024 ގައި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ.

އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން 15 އޮގަސްޓް 2024 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީން އެ ޖަވާބު ދިންތާ ފަސް މަސް ފަހުން އިއްޔެ އެ ލިޔުންތައް ސޯޝަލް މީޑިއާގައި އާންމުވެ، ޝަކުވާ ބޮޑުވުމުން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.

އެނގިފައިވާ ގޮތުގައި މުސާރަ ލިބޭ ގޮތަށް ފަޒީލް އަދިވެސް ސަސްޕެންޝަންގައި ހުންނެވީ ފުލުހުންގެ ތަހުގީގަށް ފަހު ވަކި ގޮތެއް އަންގަންދެނެވެ. ފަޒީލްއާ ގުޅޭގޮތުން ފުލުހުން ކުރަމުންދާ ތަހުގީގުގެ އެއްވެސް މައުލޫމާތެއް ފުލުހުން މީޑިއާތަކާ ވެސް ހިއްސާކޮށްފައިނުވެ އެވެ.

ފަޒީލްގެ މައްސަލަ އޭސީސީން ވެސް ތަހުގީގުކުރާއިރު އެ ކޮމިޝަނުން ވެސް އެ މައްސަލައިގެ ތަފުސީލެއް ނުވަތަ ތަހުގީގު ގޮސްފައިވާ ހިސާބެއްގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ފަޒީލަށް ގޯތި ލިބުނުއިރު އޭނާއަކީ މާލެއިން ގޯއްޗެއް އޮންނަ މީހެކެވެ. އެކަން އެނގުނީ ސިވިލް ކޯޓުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނިންމި ތަރިކައިގެ މައްސަލައަކުންނެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް އަށް ވަނީ އެ ދެ ބޭފުޅުންގެ ބައްޕަގެ ތަރިކައިން މ. ޒޭވަރުގެއިން ބައެއް ލިބިފަ އެވެ. ސިވިލް ކޯޓުގެ ހުކުމްގެ އެނގޭ ގޮތުގައި އެއީ 2،000 އަކަފޫޓްގެ އެ ގޯތި ބަހައިފައިވަނީ އަށް ބަޔަށެވެ.

ތަރިކަ އިން ފަޒީލަށް ލިބުނު ބިމުގެ އިތުރުން، އޭނާގެ މަންމަ ވަނީ ޒޭވަރުގޭގެ އެއް ބައި ފަޒީލަށް ހިބަކޮށްދީފައި ކަން ވެސް ސިވިލް ކޯޓުގެ ހުކުމުން އެނގެ އެވެ. އޭގެފަހުން ފަޒީލް ވަނީ ތަރިކައިން އޭނާއަށް ލިބިފައި އޮތް ބައިގެ ދެބައިކުޅަ އެއް ބައި އަނބިމީހާއަށް ހިބަކޮށްދޭން ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓުން ވަނީ މިދިޔަ މަހު ފަޒީލް އެދުނު ގޮތަށް އަނބިމީހާއަށް އެ ބިން ހިބަކޮށްދީ، އޭނާގެ ނަން މައްޗަށް ބަދަލުކޮށްފަ އެވެ.