އިނގިރޭސި ވިލާތުގެ ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހަތަރު އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކުރި މީހާއަކީ ދިވެއްސެއް ނޫން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އެ މައްސަލައިގައި ޖަލަށް ލާން ހުކުމްކޮށްފައިވަނީ ސުންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ މީހެކެވެ.
އިމިގްރޭޝަނުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގަ ބުނީ އޭނާއަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުގައި ހަބަރު ފަތުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާއަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑް ކޮށްފައިވާ ފަރާތެއް ނޫން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ބޭރުގެ ބައެއް މީޑިއާތަކުންވެސް ވަނީ ސުންދަރަލިންގަމްއަކީ ދިވެއްސެއް ކަމަށް ރިޕޯޓްކޮށްފަ އެވެ.



