ބިދޭސީ މަސައްކަތް ތެރިންނަށް އަމާޒު ކޮށްގެން ހިންގާ އާ ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެ ސްކޭމްތަކުގައި މިހާތަނަށް 2.9 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މި މަކަރާއި ހީލަތުގެ އަމަލު ހިންގަނީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން، އޮޅުވާލައިގެންކަމަށާއި މި ފަރާތްތައް މި ސްކޭމްތައް އަމާޒު ކުރަނީ ރާއްޖޭގައި ދިރިއުޅޭ ޗައިނާގެ ފަރާތްތަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން މި ސްކޭމް ކުރަނީ ރާއްޖޭގައި ދިރިއުޅޭ ކްރިޕްޓޯ ކަރަންސީ ވިއްކާ ފަރާތްތަކަށް ވެގެންކަމަށް ފުލުހުން ބުންޏެވެ. ހާއްސަގޮތެއްގައި ޓެދާ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކަށް ވެގެންކަމަށް ފުލުހުން ބުންޏެވެ. މަކަރުވެރިން، ޔޫއެސްޑީޓީ ވިއްކާފަރާތަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅައިގެންކަމަށް ވެސް ފުލުހުން ބުންޏެވެ.
ދެން ބޭރު މީހާއަށް ފައިސާ ނުލިބި މައްސަލަޖެހިގެން މި މައްސަލަ ފުލުހުންނަށް ހުށައަޅާކަމަށް ފުލުހުން ބުންޏެވެ. މި ގޮތަށް ފުލުހުންނަށް ހުށައަޅާފައިވާ އެކި މައްސަލަތަކުން 2.9 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.



