އޮކްޓޯބަރ 16, 2025

72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ މައްސަލަ ބޭރުކޮށްލައިފި

މައްސަލަ ރަޖިސްޓްރީ ކުރަން ދައްކަންޖެހޭ ފީ ނުދައްކާ ކަމަށް ބުނެ، މަސްދޯންޏެއްގައި 72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ސ. ހުޅުދޫ/ ދޭލިޔާގެ، އިރުފާން ތަގިއްޔުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

”މަސްޖަރީ-2“ ކިޔާ ދޯންޏެއްގައި ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުުހުން ތުހުމަތުކުރަނީ އިރުފާން އަށެވެ. އޭނާގެ މައްޗަށް ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު އެ މައްސަލައިގައި ދެން ދައުވާކުރަނީ ދ. މާއެނބޫދޫ/ އަނބުގަސްދޮށުގެ، އަހުމަދު ނަސީރު، އާއި ހ. ގާޑްންބިޔުޓީ/ މުހައްމަދު އަކްރަމްގެ މައްޗަށެވެ.

ހައިކޯޓުގެ ރަޖިސްޓްރާ، މަރްޔަމް ހޫރުޝިދާ ސޮއިކޮށް މިއަދު ކޯޓުން ބޭރުކޮށްލި މައްސަލައަކީ 72 ކިލޯ ޑްރަގް އެތެރެކުރި މައްސަލަ އިރުފާންގެ މައްޗަށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ދައުލަތުން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ބޭރުކޮށްލި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ރަޖިސްޓްރީ ފީގެ ގޮތުގައި ދައްކަންޖެހެ 300 ރުފިޔާ ދައްކަން ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގާފައި އޮތް މުއްދަތުގެ ތެރޭގައި ފީ ދައްކާފައެއް ނުވެ އެވެ.

އެކަމާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އެ ނިންމުމުގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގާ ލިޔުން 5 އޮކްޓޫބަރު 2025 ގައި އެ އޮފީހަށް މެއިލް ކުރި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އީމެއިލް މި އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް ލިބިފައި ނުވާ ކަމަށެވެ.

އަދި އެފަދަ ލިޔުންތައް މި އޮފީހަށް ފޮނުވުމަށް ކަނޑައަޅާފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރި ނަމަވެސް، އެ މައްސަަލައާ ގުޅޭ އީމެއިލް ލިބިފައިނުވާ ކަމަށްވެސް ބުންޏެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ހައިކޯޓުގެ އެ ނިންމުން މުރާޖައާ ކުރުމަށް މި އޮފީހުން ހުށަހަޅާނެ ކަމަށެވެ. އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖައާކުރަންޖެހޭ ނިންމުމެއް ކަމަށްވެސް އެ އޮފީހުން ބުންޏެވެ.