އޮކްޓޯބަރ 24, 2025

ސިނގިރޭޓު ވައްކަން: ހަވަނަ މީހަކު ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައާ ގުޅިގެން ހަވަނަ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގައި މިއަދުގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ.މިލަދޫ، ކެނެރީގެ، އާދަމް ވަހީދު (54އ) އެވެ.

ފުލުހުން މިއަދު ބުނީ އާދަމް ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ވެސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ)، އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުން ފުލުހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ހަސަން އަބްދުއްރަހްމާންގެ މައްޗަށް ފުލުހުން ކުރަނީ ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް އެހީތެރިވުމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ. އެއީ މއ. އެވާ ގްލޯރީ، ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ބ. އޭދަފުށީ، ދިގަލި، ވިޔަފާރިވެރިޔާ ދިގަލި މުހައްމަދު ވަހީދުގެ އިތުރުން ހ. ނިއު ހެޕިނަސް، މުއާޒު އަލީ އަދި ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއިލްއެވެ.

އެ އެންމެންނަށް ވެސް ފުލުހުން ވައްކަމުގެ ތުހުމަތުކުރާ އިރު، ވިޔަފާރިވެރިން ކަމަށްވާ އާރިފާއި ދިގަލި ވަހީދު އެ ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުކުރެއެވެ.

ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓައެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.