ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި މީހުން ދިރިއުޅެވޭ ގޮތަށް ”ޓައުންޝިޕް“ އުފެއްދޭ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމާ ގުޅޭގޮތުން ގާނޫނަށް ބާބެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވޯޓުދެއްވީ ބިލާ ދެކޮޅަށެވެ.
އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި، އެ ގާނޫނުން ގާއިމުކުރެވޭނީ ސިނާއީ ސަރަހައްދުތަކެވެ. ނަމަވެސް ޝުޖާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މާއްދާއަށް ނަންބަރެއް އިތުރުކޮށް، ”ސަސްޓެއިނަބަލް ޓައުންޝިޕް“ގެ ނަމުގައި ކެޓަގަރީއެއް އިތުރުކުރުމަށެވެ.
ބިލުގައި އޮތްގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމްކުރާ ސަަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލްއެސްޓޭޓް ވިޔަފާރި ވެސް ކުރެވޭނެއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގައި ހިމެނޭ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީ ނެގޭ ޕްރޮޕަޓީ ޓްރާންސްފާ ޓެކްސް ނެގޭނެ ހާއްސަ ރޭޓްތަކެއްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ޓައުންޝިޕްތައް ތަރައްގީކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއްގެ ގޮތުގައި ޓެކްސްގެ ބޮޑެތި ލުއިތަކެއް ދިނުމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްތައް ދައްކަން ނުޖެހުމާއި، ޒޯން ތަރައްގީކުރަން އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ އިސްތިސްނާ ކުރުން ހިމެނެއެވެ.
އޭގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯނުގައި ހިންގާ ވިޔަފާރި ހަރަކާތްތަކުގެ ވިޔަފާރީގެ އާމްދަނީން، ނަގާ ޓެކްސް ފުރަތަކަށް 10 އަހަރަށް ފަސް ޕަސެންޓް، 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 ޕަސެންޓް އަދި 21 ވަނަ އަހަރުން ފެށިގެން ގާނޫނުގައި ކަނޑައަޅާފައިވާ ރޭޓުން ޓެކްްސް ނެގުމަށް ވަނީ ހިމަނައިފައެވެ.




ގުޅުންހުރި
15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
ވަގަށް ބޭރުކުރި ސިނގިރޭޓް ގެނައި ކުންފުނީގެ ހިއްސާދާރަކަށް ހިތާދޫ ދާއިރާގެ މެންބަރު
ނާޒިމްގެ ކަންބޮޑުވުން: ސިނގިރޭޓް ވަގަށް އެތެރެކުރުން އިތުރުވެ, އާމްދަނީ އެބަ ދަށްވޭ!
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި
ސަރުކާރުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާ ދައްކަންޖެހޭ